ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ވަރުގަދަ ރާޅަކާ ކުރިމަތިލާން ޖެހިފައި ވާ އިންޑިއާއިން އަނެއްކާވެސް ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން، ކޮވިޑް-19ގެ، 131،968 އާ ކޭސް ވަނީ ރެކޯޑްކޮށްފައެވެ. މިއާއެކު އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 13،060،542 އަށް އަރާފައެވެ.

އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރިޕޯޓް ކޮށްފައި ވާ ކޭސްތަކުގެ އަދަދު 1 މިލިއަންގެ ފާހަގަ ހުރަސް ކުރަން ގާތްވެފައި ވާއިރު، ޖުމުލަ ގޮތެއްގައި ބަލާއިރު، އިންޑިއާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން، 4 ވަނައަށް އެންމެ ނުރައްކާވެފައިވާ ގައުމެވެ.

ފާއިތުވީ 24 ގަޑިއިރަކީ، މި ހިނގާ 2021 ވަނަ އަހަރު ތެރޭ ކޮވިޑް-19ގައި އެންމެ ގިނައަދަދަކަށް އިންޑިއާއިން މީހުން މަރުވި ދުވަސްވެސްމެއެވެ. އެގޮތުން، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 802 މީހަކު، ކޮވިޑް ޖެހިގެން މަރުވި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. މިއާއެކު މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު، 167،694 އަށް ވަނީ އަރާފައެވެ.

އިންޑިއާގެ ސްޓޭތްކަށް ބަލާއިރު ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރާ ސްޓޭތްތަކުގެ ތެރޭގައި؛

  • މަހާރާޝްތުރާ 3،229،547 ކޭސް
  • ކެރަލާ 1،144،594 ކެސް
  • ކަރުނާޓަކާ 1،033،560 ކޭސް
  • އަންދުރަ ޕްރަދޭޝް 913،274 ކޭސް
  • ޓެމިލް ނާޑޫ 911،110 ހިމެނެއެވެ.

އިންޑިއާގައި ރެކޯޑް އަދަދުތަކުން ކޭސް އިތުރު ވަމުން ދާއިރު، ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ، މި ސްޓޭޓްތަކުގައި "ވެކްސިން ފެސްޓިވަލް" އެއް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ. އެގޮތުން، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ޖެހުމަށްޓަކައި، މިމަހުގެ 11 އިން 14ގެ ނިޔަލަށް ވެކްސިން ފެސްޓިވަލް ކުރިއަށް ގެންދިއުމަށް މޯދީ ވަނީ ގޮވާލައްވާފައެވެ.