ކޮވިޑު، ކޮވިޑު ކޮވިޑު.. މިއީ މިހާރު އާ ވާހަކަތަކެއް ނޫނެވެ. މުޅި ދުނިޔެއެކޭ އެއްފަދައިން ރާއްޖެވެސް މިވަނީ މި ބައްޔަކާއެކު ދޮޅު އަހަރެއްހާ ދުވަސް ހޭދަކޮށްފައެވެ. ދުވަހަކު ތަހަންމަލު ކުރަން ނުޖެހޭހާ ދަތި އުނދަގޫތަކާއި ވޭން ތަހަންމަލު ކޮށްފިއެވެ. މި ނަމަވެސް މި ބަލިމަޑުކަމުގައި އެންމެ އަޑުހަރުކޮށް ދެކެވެނީކީ އެވާހަކައެއް ނޫނެވެ. ދެކެވެނީ ނޭވާ ހޮޅިން ވައްކަން ކުރިއޭ މިބުނާ ވާހަކައެވެ. އާދެ ވެންޓިލޭޓަރުތަކުގެ ވާހަކައެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ މަންޒަރުތައް ފެނި، ރާއްޖެއިން އެންމެ ފުރަތަމަ ވެސް އަމާޒު ހިފީ "ވޯސްޓް ކޭސް ސިނާރިއޯ" އަށް ތައްޔާރު ވުމަށެވެ. ދުރާލާ ހޮސްޕިޓަލް އެނދުތައް ގިނަކޮށް، އިތުރު ކުރެވެން ހުރި ހުރިހާ ވަސީލަތެއް އިތުރުކޮށް، ވެންޓިލޭޓަރުތައް ވެސް ގެނައުމަށެވެ. ނަމަވެސް ދައުލަތުން ބޮޑު އަގު ދީފައި ގަތް ވެންޓިލޭޓަރުތައް "އަންނަނީ އަންނަނީ" ކިޔަ ކިޔަ ތިއްބާ އެކަން ބިލާހަކަށް ވެ ނިމިއްޖެއެވެ.

ކޮވިޑުގެ ވާހަކައެކޭ އެއްފަދައިން ވެންޓިލޭޓަރުގެ ވާހަކަ އަކީ ވެސް މިހާރު އެއްވެސް ދިވެހި ރައްޔިތަކަށް އާ ވާހަކައަކަށް ނުވާނެއެވެ. މިއުޅެނީކީ އެވާހަކަ ދައްކާކަށް ވެސް ނޫނެވެ. މިއުޅެނީ އެތަކެއް ރައްޔިތުންނެއް ދިގު އިންތިޒާރެއް ކުރަމުން އައި ކޮވިޑް ވެކްސިންގެ ވާހަކަ ދައްކެމަށް ސުރުހީ އަޅާށެވެ.

މުޅިން އަލަށް އުފަންވި ބައްޔަކުން ދިފާއުވުމަށް އުފެއްދި ވެކްސިން ވާނީ ދުނިޔޭގައި ތަދު އެއްޗަކަށް ތާއެވެ. ލިމިޓެޑް ސްޓޮކެއްގައި ވެކްސިން އުފައްދަން ފެށުމާއެކު ހުރިހާ ގައުމަކުން ވެސް ދުއްވައިގަތީ އެއާ ދިމާލަށެވެ. މުއްސަނދި ގައުމުތަކުން ކުރިއާލާ ފައިސާ ދައްކާ، ވެކްސިން ރިޒާވް ކުރަމުން ވެސް ގެންދިޔައީއެވެ. އެ ހާލަތުގައި ރާއްޖެ ފަދަ ބައި މިލިއަންގެ އާބާދީއެއް އޮންނަ ކުޑަކުޑަ ގައުމަކަށް އޮތީ ކޮން ފުރުސަތެއް ތޯއެވެ. ނަމަވެސް، ކުޑަ ގައުމެކޭ ކިޔާ ހަނު ނުތިބޭން ވެގެން ރާއްޖެ ވެސް ނިކުތީ ވެކްސިން ބާޒާރަށް ވެކްސިން ގަންނާށެވެ.

އަސްޓްރަޒެނިކާ ވެކްސިން ވައިލްއެއް: މިއީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރަޒެނިކާ ކުންފުންޏާ ގުޅިގެން އުފެއްދި ވެކްސިނެއް. ރާއްޖެއިން ގަތީ މި ވެކްސިނުގެ 7 ލައްކަ ޑޯޒް

ވެކްސިން ގަތުމަށްޓަަކައި ސިންގަޕޫރު ކުންފުންޏަކާއެކު ސޮއި ކުރަން ވެގެން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރުމަށް ނިންމާ، ގަރާރެއް ނެރުނީ 2020، ޑިސެމްބަރު 31ގައެެވެ.

7 ލައްކަ ޑޯޒްގެ ވެކްސިން ގަންނަ ވާހަކައާއެކު ދިވެހިން ތިބީ ހެވި ދިލިފައެވެ.

ނަމަވެސް އެ ވެކްސިންގެ ހަބަރެއް ނުވަނީސް އެކުވެރި އިންޑިއާއިންނާއި ޗައިނާއިން އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބިއްޖެއެވެ. އެ ވެކްސިން ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 57 ޕަސަންޓު މީހުން ވެކްސިން ޖަހާ، ބަލިން ދިފާއު ހޯދައިފިއެވެ.

ކޮވިޑް ވެކްސިން ޖެހުމުގެ ތެރެއިން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އަދި މި މުއްދަތުގައި އިންޑިއާއިން ވެކްސިން ގަންނަން ވެސް ގަނެފިއެވެ. ނަމަވެސް އަހަރު ފެށުނުއިރު ގަތް 7 ލައްކަ ޑޯޒްގެ ހަބަރެއް އަދިވެސް ނުވެއެވެ. އަންނަނީ އަންނަނީ އޭ ބުނަމުން ދިޔަ ތާރީހުތައް ފަހަނައަޅައި ދިޔަތާ ކިތަންމެ ދުވަހެކެވެ. ވެންޓިލޭޓަރުތަކަށް ވެސް ވީ އެހެންނެވެ. ގިނަ ތާރީހުތަކެއް ދެމުން ދިއުމަށް ފަހު އެންމެ ފަހުން ދޭނެ ތާރީހެއް ނެތި ބިލާހަކަށް ވީއެވެ. އެއަށް ދެއްކި ފައިސާ ވެސް ވީތާކު ވީއެވެ.

މިއަދު އައިސް މިޖެހުނީ ހަމަ އެތަނުގައެވެ. ވެކްސިން ވެސް އަންނަނީ.. އަންނަނީ... އެވެ. އަންނާނެ ތާރީހެއް ދުވަހެއް ނޭނގޭއިރު، އެ އަންނާނެ ކަމާމެދު ޝައްކު އުފެދިފައިވާ އެތައް ރައްޔިތުންނެއް އެބަތިއްބެވެ. ލިބިއްޖެއްޔާމު ލިބޭނީ ވެސް އޭގެ ބޭނުން ކެނޑޭ ދުވަހުން ބާއޭ ވެސް އެތައް ބަޔަކު އެބަ ބުނެއެވެ. މިހާތަނަށް އާބާދީގެ 57 ޕަސަންޓު މީހުން ވެކްސިން ޖަހާފައި ވާއިރު، ދެން އެ ގެންނަން ކިޔާ 7 ލައްކަ ޑޯޒް ލިބުނަސް ޖަހާނީ ކާކުހެއްޔެވެ؟ ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެތިބެނީ ކަހާތަން ހިރުވާވެސް ނުލައެވެ. އަނެއްކާ، 7 ލައްކަ ޑޯޒް ވެކްސިނަކީ ހަމަ ބިލާހެއްކަން އެ ބޭބޭފުޅުންނަށް އެނގެނީބާއެވެ؟