ހިޔާ ފްލެޓްތައް 3800 ރުފިޔާއަށް ދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓް ތަކަށް މަހަކު ދައްކަން ޖެހޭ ވަރަކީ 5600 އަށްވުރެ ބޮޑު އަދަދެއް ކަމަށް ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއް ކަމަށެވެ. އެ ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު އެ އަގަށް ދެވިދާނެ ކަމަށާއި ނަމަވެސް 25 އަހަރަށް ބަހާލާނަމަ 3800 އަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު އެފެދައިން ވިދާޅުވެފައި ވަނީ ޑައުންޕޭމަންޓް ނުދައްކާ ނަމަ ހިޔާ ފްލެޓްތަކަށް މަހަކަށް ދައްކަން ޖެހޭނީ 7500 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.
އަސްލަމް ވިދާޅުވީ ހިޔާ ފްލެޓް ލިބޭ ފަރާތްތަކަށް ޑައުން ޕޭމަންޓް ދައްކައިގެން ވެސް ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ޑައުން ޕޭމަންޓް ދައްކާ ނަމަ، މަހަކަށް ޖެހޭ އަދަދު 7500 އަށް ވުރެ ކުޑަ ވާނެ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އޭނާ ވިދާޅުވީ 7500 ރުފިޔާއަކީ މި މަޝްރޫއަށް ހަރަދު ކުރި އަގާ ބަލާއިރު، ބޮޑުތަނުން ވެސް ކުޑަ އަދަދެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ބުރަ ވަރަށް ބޮޑުވާނެ ކަން ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ މި މަޝްރޫގެ ކޮންސްޓްރަކްޝަން ކޯސްޓާއި ފައިނޭންޝަލް ކޯސްޓާއެކު އަސްލު އަގު 11،000 އަށް އަރާ ކަމަށެވެ.
ހިޔާ ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް މިއަދު ފެށިގެން ކުރިއަށްދާއިރު ހިޔާ ފްލެޓްގެ އެގްރީމަންޓް ހަދާ، ސޮއި ކުރުމާއެކު ފްލެޓުގެ ތަޅުގަނޑި ލިބޭނެ ކަމަށެވެ. އަދި ފްލެޓް ލިބުމުން، ޓައިލްސް ޖެހުމާއި ދޮރު ހަރުކުރުން ފަދަ މަސައްކަތް ކުރުމަށް 3 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެކަން އަސްލަމް އިއްޔެ ވަނީ ފާހަގަ ކުރައްވާފައެވެ.