ޑައުންޕޭމަންޓް ނުދައްކާ ނަމަ ހިޔާ ފްލެޓްތަކަށް މަހަކަށް ދައްކަން ޖެހޭނީ 7500 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ ހިޔާ ފްލެޓަށް ޑައުންޕޭމަންޓް ނުދައްކާ، 25 އަހަރަށް ކުލި ބަހާލާނެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ. އަދި އެ އޮޕްޝަންގެ ދަށުން މަހަކަށް ޖެހޭނީ 7500 ރުފިޔާ ކަމަށް ވިދާޅުވެ އަސްލަމް ވިދާޅުވީ، 7500 ރުފިޔާއަކީ ހިޔާ ފްލެޓަށް ދައްކަން ޖެހޭ އެންމެ ބޮޑު ކުލި ކަމަށެވެ.

އަސްލަމް ވިދާޅުވީ ހިޔާ ފްލެޓް ލިބޭ ފަރާތްތަކަށް ޑައުން ޕޭމަންޓް ދައްކައިގެން ވެސް ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ޑައުން ޕޭމަންޓް ދައްކާ ނަމަ، މަހަކަށް ޖެހޭ އަދަދު 7500 އަށް ވުރެ ކުޑަ ވާނެ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ 7500 ރުފިޔާއަކީ މި މަޝްރޫއަށް ހަރަދު ކުރި އަގާ ބަލާއިރު، ބޮޑުތަނުން ވެސް ކުޑަ އަދަދެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ބުރަ ވަރަށް ބޮޑުވާނެ ކަން ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ މި މަޝްރޫގެ ކޮންސްޓްރަކްޝަން ކޯސްޓާއި ފައިނޭންޝަލް ކޯސްޓާއެކު އަސްލު އަގު 11،000 އަށް އަރާ ކަމަށެވެ.

ހިޔާ ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް މާދަމާ ފެށޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހިޔާ ފްލެޓްގެ ގުރު ނެގުމަށްފަހު، އެގްރީމަންޓް ހަދާ، ސޮއި ކުރުމާއެކު ފްލެޓުގެ ތަޅުގަނޑި ލިބޭނެ ކަމަށެވެ. އަދި ފްލެޓް ލިބުމުން، ޓައިލްސް ޖެހުމާއި ދޮރު ހަރުކުރުން ފަދަ މަސައްކަތް ކުރުމަށް 3 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެކަން އަސްލަމް ވަނީ ފާހަގަ ކުރައްވާފައެވެ.