އޭޕްރިލް 2019 ގައި ލަންކާގައި ދިން ބޮމުގެ ވަރުގެ ހަމަލާތަކުގެ ފަހަތުގައި ހުރި މޭސްތިރި ދެނެގަނެވިފައި ވާ ކަމަށް، އެ ގައުމުގެ އިސް ވަޒީރަކު ވިދާޅުވެއްޖެއެވެ.

9 މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކުގައި 270 މީހުންގެ ފުރާނަ ގެއްލިދިޔައިރު، މި ހަމަލާތަކުގެ ފަހަތުގައި ހުރި މޭސްތިރިއަކީ ބަންދުގައި ހުރި މީހެއް ކަމަށް ސްރީލަންކާގެ ޕަބްކިލް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސޭކެރާ ވަނީ ވިދާޅުވެފައެވެ.

ހަރުކަށި ފިކުރުގެ އިމާމެއް ކަމަށް ވާ އެމީހަކީ ނައުފަރު މައުލާވީ ކަމަށާ، މިކަމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނީ ހައްޖުލް އަކްބަރު ކިއާ މީހެއް ކަމަށްވެސް ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ބޮމުގެ ހަމަލާތަކުގެ ތުހުމަތުގައި 211 މީހަކު މިހާރުވެސް ބަންދުގައި އެބަތިބި ކަމަށާ، އޭގެ ތެރެއިން 32 މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވާ ކަމަށެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ސިޔާސީ މަސްރަހަށް ވަރުގަދަ ލޮޅުންތަކެއްވެސް އެރިއެވެ. އެގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ލީޑަރުން، ޖާސޫސީ މައުލޫމާތަށް އެކަށީގެންވާ ގޮތެއްގައި ސަމާލުކަން ދީފައި ނުވާ ކަމުގެ ތުހުމަތުތަކެއްވެސް ފެންމަތިވެގެންދިޔައެވެ.