ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޖެހުމުގެ މަޝްރޫއު ނުފަށާ ގައުމުތައް އަދިވެސް ހުރި ކަމީ، ގަބޫލު ކުރަން ޖެހިފައިވާ ލަދުވެރި ހަގީގަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވަނީ، ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި، ސިއްހީ ހިދުމަތްތެރިންނާއި އެންމެ ނާޒުކު އާބާދީތަކަށް ވެކްސިން ޖަހަން ނުފަށާ ގައުމުތަކެއް ވާ ކަން ފާހަގަ ކުރައްވާފައެވެ.

މި މޭރުމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ސިނާއި ފެންވަރުގައި ވެކްސިން އުފެއްދުން ފުޅާ ކޮށް، އިންސާފުވެރި އުސޫލަކުން ވެކްސިން ބެހުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ، ކޮވިޑް-19އަށް ނިމުން ގެނައުމަށް ކުރިމަތިވާ އެންމެ ބޮޑު ހުރަސް ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް/ފޮޓޯ: ފްރީޗޭ ކްފްރީނީ

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން ދާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދިޔަ ހާއްސަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ނެމީބިއާގެ ރައީސް ހޭގް ގައިންގޮބް ވަނީ، ވެކްސިން ފޯރުކޮށްދިނުމުގައި އެއް ބަޔަކު އަނެއް ބަޔަކާ މެދު ބޮޑު ފަރަގެއް އޮތް ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ބައެއް ގައުމުތަކަށް ވެކްސިން ލިބޭއިރު، ވެކްސިން ޑޯޒްގެ އިންތިޒާރުގައި އަނެއް ގައުމަކުން އޮންނަން ޖެހޭ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ގައިންގޮބް ވިދާޅުވީ އިންޑިއާ އަދި ޗައިނާ ފަދަ އެކުވެރިންގެ ފަރާތުން ވެކްސިން ޑޯޒް ލިބިފައި ވާ ކަމަށާ، ނަމަވެސް، މިހާތަނަށް ޑިޕޮސިޓް ފައިސާ ދައްކާފައި ވާ އެހެން ވެކްސިން ޑޯޒްތައް އަދިވެސް ނުލިބޭ ކަމަށެވެ.

ޑރ ޓެޑްރޯޒް ވަނީ، އިންސާފުން ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އިއްތިހާދު ނުވަތަ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނެމީބިއާއަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން އެފްރިކާއިން 30 މިލިއަނެއްހާ މީހުން އިންތިހާ ފަގީރުކަމަށް ވެއްޓިދާނެ ކަމުގެ އިންޒާރު ވަނީ ދީފަ / ފޮޓޯ: ޑަބްލިއު.އެޗް.އޯ އެފްރިކާ

ޑރ ޓެޑްރޯޒް ވަނީ ގިނަ އަދަދަކަށް ވެކްސިން ޑޯޒްތައް ހުރި ގައުމުތަކުން، ކޮވެކްސް ފެސިލިޓީއަށް ވެކްސިން ހަދިޔާ ކުރުމަށް ގޮވާލައްވާފައެވެ.

ކަން މިހެން އޮތްއިރު، ޑަބްލިއުއެޗްއޯގެ ތަރުޖަމާނަކު ވަނީ، ކޮވިޑް ވެކްސިން ޕާސްޕޯޓްގެ ފަލްސަފާއަށް އެ އިދާރާއިން ފުރިހަމައަށް ތާއީދު ނުކުރާ ފަދަ އިޝާރާތެއް ކުރައްވާފައެވެ. އެހެނީ، ވެކްސިން ޖެހުމަކީ ބަލި ފެތުރުން ހުއްޓުވާ ކަމެއްކަން ނުވަތަ ނޫން ކަން އަދިވެސް ކަށަވަރު ވެފައި ނުވުން ކަމަށް ޑަބްލިއުއެޗްއޯގެ ތަރުޖަމާނު، މާގްރެޓް ހެރިސް ވަނީ ވިދާޅުވެފައެވެ.

ހެރިސް ވަނީ، ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކޮށްފައިވާ ސީނޯފާމް އަދި ސީނޯވެކް ވެކްސިން، މި ހިނގާ އޭޕްރިލް މަސް ނިމޭއިރު، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ލިސްޓު ކުރުމާ މެދު ގޮތެއް ނިންމުމުގެ މުރާޖައާތައް ކުރުމަށް ޑަބްލިއުއެޗްއޯއިން އުއްމީދު ކުރާ ކަން ހާމަ ކުރައްވާފައެވެ.

ވެކްސިން އުފައްދަން ބޭނުންވާ ބައެއް މާއްދާތައް އެކްސްޕޯޓް ކުރުމަށް އެމެރިކާއިން ކުރިމަތި ކުރި ހުރަހާއެކު، ބައިނަލްއަގުވާމީ ވެކްސިން ސަޕްލައިއަށް ބޮޑު ލޮޅުމެއް ވަނީ އަރާފައެވެ. އެގޮތުން، ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ގިނަ އަދަދަކަށް ވެކްސިން ސަޕްލައި ކުރަމުން ދިޔަ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓަށްވެސް މިމައްސަލައާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އިންޑިއާއިން ވަނީ ވެކްސިން އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.