ބޮލީވުޑްގެ ކާމިޔާބު ބަތޮލާ، ކެޓްރިނާ ކެއިފްވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

ކެޓްރީނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވާ ކަން ސޯޝަލް މީޑިއާގައި ހާމަ ކޮށްފައި ވާއިރު، އޭނާގެ ލޯބިވެރިޔާ ކަމަށް ގިނަ ބަޔަކު ވަކާލާތު ކުރަމުން އަންނަ ބޮލީވުޑް ބަތޮލް، ވިކީ ކޯޝާލްވެސް ވަނީ މީގެ 1 ދުވަސް ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ކެޓްރީނާ ބުނެފައި ވަނީ، އޭނާ މިވަގުތު ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށާ، އޭނާގެ ޑޮކްޓަރުން ދޭ އިރުޝާދާ އެއްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ. އަދި ފާއިތުވީ ދުވަސްތަކުގައި އޭނާއާ ދިމާވެފައިވާ މީހުން ކޮވިޑަށް ޓެސްޓު ކުރުމަށްވެސް ކެޓްރީނާ ވަނީ އެދިފައެވެ.

ކެޓްރީނާއަކީ ބޮލީވުޑުން ކޮވިޑަށް ޕޮޒިޓިވްވި ތަރިންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމެވެ. އޭނާއާއެކު އެއް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން އަންނަ އަކްޝޭ ކުމާރުވެސް ވަނީ ހަފުތާ ބަންދުގައި ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަކްޝޭ އަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ އިތުރު ރަޅާކާ އިންޑިއާއަށް ކުރިމަތިލާން ޖެހިފައި ވާއިރު، ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއްވެސް މި ބައްޔަށް ޕޮޒިޓިވްވަމުން އަންނަ ކަން ފާހަގަ ކުރަން ޖެހެއެވެ. މި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ކަން ހާމަ ކޮށްފައި ވާ ތަރިންގެ ތެރޭގައި، އާމިރު ހާން، އާރް މަދަވަން، އާލިއާ ބަޓް އަދި ކާރްތިކް އާރްޔަން ހިމެނެއެވެ.