ނުތަނަވަސް ވެފައިވާ އިތިއޮޕިއާގެ މަސްރަހުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި، 1 މިލިއަން ޑޮލަރު ހަދިޔާ ކުރާނެ ކަމަށް މަޝްހޫރު ލަވަކިއުންތެރިޔާ "ދަ ވީކެންޑް" ބުނެފިއެވެ.

ކެނެޑާއަށް އުފަން "ދަ ވީކެންޑް"ގެ މައިންބަފައިންނަކީ އިތިއޮޕިއާއިން ހިޖުރަ ކުރި ބައެކެވެ.

އިތިއޮޕިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން "ދަ ވީކެންޑް" ބުނީ، އެއްވެސް ރަހުމެއް ނެތި، މައުސޫމު އާންމުން، ކުޑަކުދިންނާއި މުސްކުޅިންވެސް ހިމެނޭހެން މަރަމުންދާ ދިއުމާއެކު އޭނާގެ ހިތް ކުދިކުދި ވެފައި ވާ ކަމަށެވެ.

އިންސްޓަގްރާމްއާ ޓްވިޓާއަށް ދޫކޮށްލި ޕޯސްޓެއްގައި "ދަ ވީކެންޑް" ބުނެފައި ވަނީ، އޭނާ ހަދިޔާ ކުރާ 1 މިލިއަން ޑޮލަރު ދާނީ، އދގެ ކާބޯތަކެއްޗާ ބެހޭ މަޝްރޫއު (ޑަބްލިއުއެފްޕީ) އަށް ކަމަށާ، އެއީ ގާތްގަނޑަކަށް 2 މިލިއަނެއްހާ ކޮއްތުގެ އަގު ކަމަށެވެ.

އިތިއޮޕިއާގެ މައި އަސްކަރިއްޔާއާއި ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓާ ދެމެދު މިދިޔަ ނޮވެންބަރުން ފަށައިގެން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިހާރު އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.