މުނިފޫހިފިލުވުމުގެ ރޮނގުން ދޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ގުނާލެވޭ އޮސްކާ ހާސިލު ކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒީޝަން، އޭއާރް ރަހުމާން، އިންޑިއަން އައިޑަލް މިއުޒިކް ރިއާލިޓީ ޝޯގެ 12 ވަނަ ސީޒަންގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ފެންނާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

އޭއާރް ރަހުމާން ރުއްސުމަށް، ހަފުތާ ބަންދުގައި ބައިވެރިން ލަވަ ހުށަހަޅާ ދެމުން ދާނެ ކަމަށް ބުނާއިރު، މިއުޒިކީ ހަޔާތުގައި އޭނާ ކުރާ ތަޖުރިބާތައްވެސް ބައިވެރިންނާ ހިއްސާ ކުރަމުން ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ހުސްވި ހަފުތާގައި ޝޯއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީ، މުޅި މާހައުލު ބަދަލުކޮށްލީ، ބޮލީވުޑްގެ އަބަދަށްފެހި ބަތޮލާ، ރޭކާގެ ހާއްސަ ފެނިލުމަކުންނެވެ. ކޮންމެ ބައިވެރިއަކަށްވެސް ރޭކާގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައި ވާއިރު، ރޭކާ ވަނީ ބައިވެރިންނާއެކު ސްޓޭޖު މަތީގައި ނަށާ، އެ ބައިވެރިންނަށް ހިތްވަރު ދީފައެވެ.

ޖޭ ބަނޫޝާލީ ހޮސްޓް ކުރަމުން އަންނަ އިންޑިއަން އައިޑަލް ސީޒަން 12ގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ނޭހާ ކައްކާރު، ވިޝާލް ޑަޑްލާނީ އަދި ހިމޭޝް ރޭޝަމިޔާއެވެ. އިންޑިއަން އައިޑަލްގެ ޝޯތަކަކީ ދިވެހި އޯޑިއަންސްގެ މެދުގައިވެސް މަގުބޫލުކަން ހޯދާފައިވާ ޝޯތަކެކެވެ.