ދުނިޔޭގެ އެންމެ ވަރުގަދަ ފިލްމީ ސިނާއަތުގެ ގޮތުގައި ސިފަކުރަމުން އަންނަ އަވަށްޓެރި އިންޑިއާގެ ބޮލީވުޑަށް ނިސްބަތްވާ ގިނަ އަދަދެއްގެ ތަރިންތަކެއް، ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ ފިލްމީ ފަންނުވެރިންގެ ތެރެއިން މި ލިސްޓަށް އެންމެ ފަހުން އިތުރުވީ ވިކީ ކޯޝާލްއެވެ. އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓެއްގައި ވިކީ ކޯޝާލް ބުނެފައި ވަނީ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަމުން ދަނިކޮށްވެސް އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވާ ކަމަށެވެ. އަދި މިވަގުތު އޭނާ ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށާ، ޑޮކްޓަރީ ބޭސްވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ފާއިތުވީ ދުވަސްތަކުގައި އޭނާއާ ބައްދަލުވެފައިވާ މީހުން، ކޮވިޑަށް ޓެސްޓު ކުރުމަށްވެސް ވިކީ ކޯޝާލް ވަނީ އެދިފައެވެ.

ވިކީ ކޯޝާލްގެ އިތުރުން އީޖާޒް ހާންއާ ބޫމީ ޕެދްނެކާރުވެސް އިއްޔެ ވަނީ، ކޮވިޑަށް ޕޮޒިޓިވްވެފައި ވާ ކަން އިއުލާން ކޮށްފައެވެ. އަކްޝޭ ކުމާރު އަދި އަދިތިޔާ ނަރާޔަންވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އެމީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ކަމަށްވެސް ހަބަރު ލިބެއެވެ. މީގެ އިތުރުން، ރޯހިތު ސަރަފް، އާމިރު ހާން އަދި އާރް މަދާވަންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ހޯމް އައިސޮލޭޝަންގައި ތިބިކަން ހާމަކޮށްފައެވެ.

ެބޮލީވުޑް ބަތޮލް އާމިރު ހާން / ފައިލް ފޮޓޯ: ޑީއެންއޭ އިންޑިއާ

ރަންބީރު ކަޕޫރާ، ސިދާންތު ޗަތުރަވެދީ އަދި ކާރުތިކު އާރްޔަންވެސް ކޮވިޑަށް ޕޮޒިޓިވްވިއިރު، މިހާރު އެމީހުންގެ ނަތީޖާ ނެގެޓިވް ކަމަށް ދައްކާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާގެ ފިލްމު ސިޓީ، މުމްބާއީ އޮންނަ މަހާރާޝްތުރާއަކީ މިހާރު އިންޑިއާއަށް ކުރިމަތިލާން ޖެހިފައިވާ ކޮވިޑްގެ އާ ރާޅުގައި އެންމެ ނުރައްކާ ބޮޑު ސްޓޭޓެވެ. އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރާއިރު، އެންމެ ގިނަ އަދަދެއްގެ ކޭސް ހިއްސާ ކުރަނީވެސް މި ސްޓޭޓުންނެވެ.