އުރުދުންގެ ވެރިކަމުގައި މިވަގުތު ހުންނެވި ޢަބްދުﷲ ރަސްގެފާނާއި، އެ ގައުމުގެ ގާނޫނު އަސާސީ، އަދި ގައުމީ މަސްލަހަތަށް ފުރިހަމައަށް އިހުލާސްތެރިވެވަޑައިގަންނަވާނެ ކަމަށް، އުރުދުންގެ ކުރީގެ ވަލީއަހުދު އަމީރު ހަމްޒާ ބިން އަލް-ހުސައިން ވިދާޅުވެފައި ވާ ކަމަށް، އުރުދުންގެ ޝާހީ ކޮއިލުން ހާމަ ކުރައްވައިފިއެވެ.

އަމީރު ހަމްޒާ މިކަން ހާމަ ކުރައްވާފައި ވަނީ އޭނާ ލިޔުއްވި އިހްލާސްތެރިކަމުގެ ސިޓީއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އުރުދުންގެ ޝާހީ އާއިލާއިން ކަން ކުރަމުން ދާ ގޮތަށް އެއްބާރުލުން ދެއްވުމަށާ، އުރުދުންއާއި އުރުދުންގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ޢަބްދުﷲ ރަސްގެފާނު ކުރައްވާ މަސައްކަތްޕުޅުގައި ރަސްގެފާނާއެކުގައި ސާބިތު ހުންނަވާނެ ކަމަށް އަމީރު ހަމްޒާ ވިދާޅުވި ކަމަށްވެއެވެ.

އަމީރު ހަމްޒާގެ ފަރާތްޕުޅުން އިހުލާސްތެރިކަމުގެ ސިޓީއެއް ލިޔުއްވާފައި މިވަނީ، އަމީރާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯއްދެވުމުގެ ޒިންމާ، އުރުދުންގެ ޢަބްދުﷲ ރަސްގެފާނު، އޭނާގެ ބޮޑުބޭބެ، އަމީރު އަލް-ހަސަން ބިލް ތޮލާލްއާ ހަވާލު ކުރައްވާފައި ވަނިކޮށެވެ. އަމީރު ހަމްޒާއާ ގުޅިގެން އުރުދުންގެ މަސްރަހު ނުތަނަވަސްވީ، އޭނާ ގޭ ބަންދު ކުރެއްވި ހިސާބުންނެވެ.

އުރުދުންގެ މަސްލަހަތު ނަގާލާ، ބަޣާވާތެއް ކުރަން އުޅޭ ކަމުގެ ތުހުމަތުގައި މަތީ ފަންތީގެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ވާ ކަމުގެ މައުލޫމާތު ލިބެއެވެ. އަމީރު ހަމްޒާ ހުންނެވީ ގޭ ބަންދުގައި ކަމަށް ވާއިރު، އެއީ އުރުދުންގެ ގަބީލާ ލީޑަރުންނާ އޭނާ ބައްދަލު ކުރައްވާ، ތާއީދު ހޯއްދަވާތީ ޖެހިވަޑައިގެންނެވި ކަމެއް ކަމަށް އަމީރު ހަމްޒާ ވަނީ ވިދާޅުވެފައެވެ.

އުރުދުންގެ ޝާހީ ގަނޑުވަރު ތެރޭގައި ހަމަނުޖެހުން ގަދަވެ، އެ ގައުމުގެ ވެރިކަމުގެ މަސްރަހު ނުތަނަވަސް ވެފައި ވާއިރު، ސަރަހައްދީ ބާރުތަކުގެ ތެރޭގައި ހިމެނޭ މިސްރު، ތުރުކީވިލާތް އަދި ސައުދީ އަރަބިއްޔާއިން ވަނީ ޢަބްދުﷲ ރަސްގެފާނަށް ތާއީދު ކުރާ ކަން ހާމަކޮށްފައެވެ. އެމެރިކާ އަދި އިނގިރޭސިވިލާތުންވެސް ވަނީ ތާއީދު ހާމަ ކޮށްފައެވެ.

އަމީރު ހަމްޒާއަކީ އުރުދުންގެ ހުސައިން ރަސްގެފާނުގެ އެންމެ ދޮށީ ދަރިކަލުންނެވެ. އަދި އަނބިކަނބަލުން، ރާނީ ނޫރު އެންމެ ލޯބިފުޅުވި ދަރިކަލުންވެސްމެއެވެ. އުރުދުންގެ ވަލީއަހުދު ކަމުގެ މަގާމަށް އަމީރު ހަމްޒާ އިސްކުރެވުނީ 1999 ވަނަ އަހަރުއެވެ.

ނަމަވެސް ހުސައިން ރަސްގެފާނު އަވަހާރަވީއިރު، އަމީރު ހަމްޒާގެ އުމުރު ހަގުކަމަށް ކަނޑައަޅާ، ރަސްކަމަށް އިސް ނުކުރާން ނިންމިއެވެ. އޭގެ ބަދަލުގައި މިހާރުގެ ޢަބްދުﷲ ރަސްގެފާނު، ވެރިކަމާ ހަވާލުވެވަޑައިގެން، 2004 ވަނަ އަހަރު، ވަލީއަހުދުގެ މަގާމު، އަމީރު ހަމްޒާގެ ކިބައިން ނެންގެވިއެވެ.