ކުރިއަށް އޮތް ބަރަކާތްތެރި ރޯދަމަހު، ޢުމްރާ ވުމުގެ އިތުރުން، މުސްލިމުންގެ މުގައްދަސް 2 މިސްކިތަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދެވޭނީ، ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ޖަހާފައި ވާ ފަރާތްތަކަށް އެކަނި ކަމަށް، ސައުދީގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީއިން ބުނެފިއެވެ.

އެ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ ސައުދީ ގެޒެޓްގައި ވާ ގޮތުން، މި ހުއްދަ ދޫކުރަން ފަށާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ފުރަތަމަ ޑޯޒް ޖެހިތާ 14 ދުވަސް ވެފައިވާ މީހުންގެ އިތުރުން ކޮވިޑް-19 ޖެހި ރަނގަޅު ވެފައިވާ މީހުންނަށްވެސް މި އުސޫލުގެ ދަށުން ހުއްދަ ދޫ ކުރެވޭނެ ކަމަށް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ޢުމްރާގެ އަޅުކަން އަދާ ކުރުމުގެ އިތުރުން، މާތްވެގެންވާ 2 މިސްކިތަށް ޒިޔާރަތް ކޮށް ނަމާދު ކުރުމުގެ ފުރުސަތަށް އެދުމުގެ އިންތިޒާމް، އެކަމަށް ހާއްސަ 2 އެޕްލިކޭޝަނެއް މެދުވެރިކޮށް ހަމަޖެހިފައި ވާނެ ކަމަށް އޮފިޝަލު ވަނީ ވިދާޅުވެފައެވެ. މި ފުރުސަތު ދެވޭނީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބަލާ، ތަނުގެ ކެޕޭސިޓީއަށް ބަލައިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޢުމްރާ ވުމަށާ، މާތްވެގެންވާ 2 މިސްކިތަށް ޒިޔާރަތް ކުރުމުގެ ހުއްދަ ހޯދާއިރު، ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ސައްހަ އެޕްލިކޭޝަންތައް މެދުވެރިކޮށް، ހުއްދަ ހޯދުމަށް ސަމާލުކަން ދިނުމަށާ، ފޭކު ވެބްސައިޓްތަކަށް ސަމާލު ވުމަށްވެސް ސައުދީގެ އޮފިޝަލު ވަނީ ގޮވާލައްވާފައެވެ.

މާތްވެގެންވާ 2 މިސްކިތުގެ ބެލެހެއްޓުންތެރި އިދާރާގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޝައިހް ޢަބްދުއްރަޙްމާން އަލް-ސުދައިސް ވަނީ، ޢުމްރާވެރިން ބަލައިގަތުމާ ގުޅޭ ކަންކަން ކުރިއަށް ދާނީ، ސިއްހީ އަދި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ އެންމެ ހަރުކަށި މިންގަނޑުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.

މާތްވެގެންވާ މަސްޖިދުލް ޙަރަމްގައި 5 ސަރަހައްދެއްގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށާ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ވަކި ސަރަހައްދެއް އޮންނާނެ ކަމަށް ސައުދީއިން ބުނެއެވެ. އަދި ފުރަތަމަ ފަންގިފިލާގައި، ތޮވާފު ކުރުމުގެ ފުރުސަތު، މުޅި ރޯދަ މަހުވެސް، ޢުމްރާ ވެރިންނަށް ލިބޭނެ ކަމަށް ސައުދީއިން ބުނެއެވެ.