އަވަށްޓެރި އިންޑިއާއިން ފެނުނު ކޮރޯނާވައިރަހުގެ އާދަޔާ ހިލާފު ވޭރިއަންޓް، އެމެރިކާއިން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.

ސްޓޭންފޯޑް ޔުނިވާސިޓީގެ ދިރާސާ ޓީމުން ދެނެގަތް މި ވޭރިއަންޓްގެ ކޭސް ފެނުނީ ނޯތު ކެރޮލައިނާ ސަރަހައްދުންނެވެ. މި ވޭރިއަންޓް ފެނުނީ، ސަން ފްރާންސިސްކޯ ބޭ އޭރިއާގެ ޕޭޝަންޓެއްގެ ހަށިގަނޑުންނެވެ.

މި ކޭހާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

2 ގޮތަކަށް ބަދަލުވެފައިވާ މި އާ ވޭރިއަންޓް އެންމެ ފުރަތަމަ ދެނެގަތީ ހުސްވި މަހު، އިންޑިއާގެ ސިއްހީ އޮފިޝަލުންނެވެ. ނަމަވެސް، އިންޑިއާގައި މިހާރު ރެކޯޑް އަދަދުތަކުން ކޭސް އިތުރު ވަމުން ދިއުމާއި އާ ވޭރިއަންޓާ ގުޅުމެއް ވާ ކަމަށް ބުނުމަށް، އިންޑިއާ ސަރުކާރުން ދަނީ އިންކާރު ކުރަމުންނެވެ.

އެއް ވައިރަހެއް ދެ ގޮތަކަށް ބަދަލުވެ، އެއް ވޭރިއަންޓެއްގެ ގޮތުގައި އޮތް އިރު މި ވޭރިއަންޓް ފެނިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ދިއްލީވެސް ހިމެނެއެވެ.