ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް، އަވަށްޓެރި އިންޑިއާއިން އިއްޔެ އެކަނިވެސް 1 ލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ 103844 ޕޮޒިޓިވް ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. މިއާއެކު އިންޑިއާ ވެފައިވަނީ 24 ގަޑިއިރުގެ ތެރޭގައި 1 ލައްކައިގެ ފާހަގަ ހުރަސް ކުރި 2 ވަނަ ގައުމަށެވެ. މިހާތަނަށް، 1 ދުވަހުގެ ތެރޭގައި 1 ލައްކައިގެ ފާހަގަ ހުރަސް ކުރި ހަމައެކަނި ގައުމަކީ އެމެރިކާއެވެ.

އިންޑިއާގެ ކޭސްތައް އިތުރުވަމުން ދާއިރު، އެންމެ ބޮޑު ހިއްސާއެއް އޮތީ މަހާރާޝްތުރާ ސްޓޭޓްގައެވެ. އިއްޔެ އެކަނިވެސް އެ ސްޓޭޓުން 57074 ކޭސް ރެކޯޑް ކުރިއެވެ.

އިންޑިއާއިން ސިފަ ކުރާ ގޮތުގައި މިހާރު އެ ގައުމަށް ކުރިމަތިލާން ޖެހިފައި ވަނީ ކޮވިޑްގެ 2 ވަނަ ރާޅަކާއެވެ. މި ރާޅާ ކުރިމަތިލިތާ މިހާރު 52 ދުވަސް ވެއްޖެއެވެ.

އިންޑިއާގައި މިވަގުތު އެކްޓިވް ކޭސްތައްވެސް އުޅެނީ ރެކޯޑް ރޭޓެއްގައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 7 ލައްކައަށް ވުރެ މައްޗަށް އަރާފައި ވާއިރު، 6 ލައްކައިގެ ފާހަގަ ހުރަސް ކުރިތާ އަދި ވީ އެންމެ 3 ދުވަހެވެ.

ކޮވިޑް-19 ޖެހިގެން 24 ގަޑިއިރުގެ ތެރޭގައި 477 މީހަކު މަރުވި ކަމަށް އިއްޔެ ރިޕޯޓް ކޮށްފައި ވާއިރު، މިއަދަދު 400 އިން މަތީގައި އުޅޭތާ މިހާރު 5 ދުވަސްވެއްޖެއެވެ. ހޮނިހިރު ދުވަހު، މިއަދަދު ވަނީ 514 އަށްވެސް އަރާފައެވެ.

އިންޑިއާއިން ދަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މި ދަނޑިވަޅަކީ އެ ގައުމުގައި ގިނަ ވޭރިއަންޓްތަކެއްވެސް ފެތުރެމުން ދާ ދަނޑިވަޅެކެވެ. ނަމަވެސް މިހާރުގެ ކޭސް އިތުރުވުމާ ވޭރިއަންޓާ ގުޅުމެއް އޮތް ކަމަށް ބުނުމަށް އިންޑިއާ ސަރުކާރުން އިންކާރު ކުރެއެވެ.