ކުރިއަށް އޮތް މެއި މަހު، ސައުދީ އަރަބިއްޔާއިން އޭޝިއާއަށް ތެޔޮ ވިއްކާނެ އަގު ބޮޑު ކޮށްފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ސާފު ނުކުރާ ތެޔޮ އެކްސްޕޯޓް ކުރަމުން އަންނަ ސައުދީއިން، ވިލާތަށް ތެޔޮ ވިއްކާ އަގު ބޮޑު ކޮށްފައެއް ނުވެއެވެ.

ސައުދީއިން އޭޝިއާއަށް ތެޔޮ ވިއްކާ އަގު ބޮޑު ކޮށްފައި މިވަނީ، ސައުދީއިން ތެޔޮ ގަންނަ މިންވަރު މަޑުޖައްސާލުމަށް އިންޑިއާއިން ރާވަމުން އަންނާތީ އެކަމާ ނުރުހިގެން ކަމުގައި ވުން އެކަށީގެންވެއެވެ.

ސައުދީއިން އޭޝިއާއަށް ތެޔޮ ވިއްކަން ގަސްތު ކުރާ އަގުތަކަށް ބަލާއިރު، ސާފު ނުކުރާ ތެލުގެ އެކި ގުރޭޑްގެ ފީފާތަކުން ކުރެ ކޮންމެ ފީފާއަކުން 20 ސެންޓާއި 50 ސެންޓާ ދެމެދުގެ މިންވަރަކަށް އަގު ބޮޑު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީގެ އަރަމްކޯ އިން ދަނީ އެ ކުންފުނިން ތެޔޮ ވިއްކާ އަގުތައް ކޮންމެ މަހަކަށް ވަކިން ކަނޑައަޅަމުންނެވެ. ކޮންޓްރެކްޓް އުސޫލުން މިކަން ކުރިއަށް ދާއިރު، މިހާރަށް ވުރެ ފައިދާ ބޮޑު ގޮތެއްގައި ކޮންޓްރެކްޓް އެކުލަވާލުމަށް ވަކާލާތު ކުރުމަށް، ސައުދީއިން ތެޔޮ އިމްޕޯޓް ކުރާ މިންވަރު މަޑުޖައްސާލުމަށް އިންޑިއާގެ ސަރުކާރުން ދަނީ، ދައުލަތުން ހިންގާ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ގޮވާލަމުންނެވެ.

މީގެ އިތުރުން، ސައުދީ އިސްވެ އޮވެ ހިންގާ، އޯޕެކް ޕްލަސް އިއްތިހާދުން ވަނީ، ތެޔޮ އުފައްދާ މިންވަރު މަޑުޖައްސާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިންޑިއާއިން މިދިޔަ ޑިސެންބަރު މަހު ގޮވާލި ގޮވާލުމަށްވެސް ބީރު ކަންފަތެއް ދީފައެވެ.