ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ބޮލީވުޑްގެ ބަތޮލް، އަކްޝޭ ކުމާރަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށަފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

މުމްބާއީގެ ޕޮވާއީގެ ހިރާނަންދަނީ ހޮސްޕިޓަލުގައި އަކްޝޭ އެޑްމިޓް ކުރީ އިއްޔެ އިރުއޮއްސެން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އޭގެ ކުރިން އަކްޝޭ ވަނީ އޭނާ ހުރީ ހޯމް ކަރަންޓީނުގައި ކަމަށާ، ފާއިތުވީ ދުވަސްތަކުގައި އޭނާއާ ބައްދަލުވި މީހުން ކޮވިޑަށް ޓެސްޓު ކުރުމަށް ގޮވާލާ ޕޯސްޓެއް، ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

އަކްޝޭ ދާދި ފަހުން ވަނީ، ޖެކޮލީން ފެނާންޑޭޒް އާއެކު ފިލްމެއްގެ މަސައްކަތް ފަށާފައެވެ. އިއްޔެވެސް މި ފިލްމުގެ ޝޫޓިންގްގައި އަކްޝޭ ހަރަކާތްތެރިވި ކަމަށް މައުލޫމާތު ލިބެއެވެ. ފިލްމުގައި މުހިންމު ރޯލެއް ކުޅެމުން އަންނަ އަކްޝޭ ކޮވިޑަށް ޕޮޒިޓިވްވުމާއެކު، މިއަދަށް ތާވަލު ކޮށްފައި އޮތް ޝޫޓިންގް މިހާރު ކެންސަލް ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހަށް ފިލްމުގެ ޝޫޓިންގް މެދުކަނޑާލާނެ ކަމަށްވެސް ބެލެވެއެވެ.

މި ދަނޑިވަޅަކީ އިންޑިއާގައި އަނެއްކާވެސް ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނަ ދަނޑިވަޅެކެވެ. އަދި ފިލްމީ ސިނާއަތުގެ ތަރިވެސް މި ދުވަސްވަރު ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނަ ކަން ފާހަގަ ކުރަން ޖެހެއެވެ.