މިހާރު ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު، އިންޑިއާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގާނެ ފުރުސަތެއް ނެތް ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު، އިމްރާން ހާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، އިންޑިއާއިން ކަފައާއި ހަކުރު ގަތުމާ ބެހޭ ގޮތުން، އޭނާގެ ވަޒީރުންގެ މަޖިލީހުގެ އިސް މެންބަރުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައެވެ.

މިމަޝްވަރާތަކަށް ފަހު އިމްރާން ވަނީ، އެހެން މަސްދަރުތަކުން އިންޑިއާއަށް މި ތަކެތި އިމްޕޯޓް ކުރެވޭނެ ގޮތްތައް ހޯދުމަށް، އޭނާގެ އިގުތިސޯދީ ޓީމަށް އިރުޝާދު ދެއްވާފައެވެ.

ބުރާށްފަތި ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައިވެސް މިފަދަ ނިންމުމެއް އޮތީ ނިންމާފައެވެ. އެގޮތުން ޖައްމުއާއި ކަޝްމީރުގެ ހާއްސަ ދަރަޖަ އުވާލުމަށް 2019 ވަނަ އަހަރު އިންޑިއާއިން ނިންމި ނިންމުން ބަދަލު ނުކުރަނީސް، އިންޑިއާއާއެކު ޕާކިސްތާނުން ވިޔަފާރި ނުކުރާނެ ކަމުގެ އިޝާރާތެއް، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ޕާކިސްތާނަށް އިންޑިއާއިން ހަކުރާއި ކަފަ އިމްޕޯޓް ކުރުމުގެ ހިޔާލު ހުށަހަޅުއްވާފައި ވަނީ، އެ ގައުމުގެ މާލީ ވަޒީރު ކަމުގެ މަގާމަށް ދާދި ފަހުން އައްޔަން ކުރެއްވި، ހައްމާދު އަޒްހަރު ކަމަށް މައުލޫމާތު ލިބެއެވެ. ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާއި އިންޑިއާއާ ދެމެދު އިމްޕޯޓް މުދަލުގެ ވިޔަފާރި ނުހިނގާތާ 2 އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

އިންޑިއާއިންވެސް ސުލްހައިގެ މަޝްވަރާތަކާ ޓެރަރިޒަމަކީ އެކުއެކީގައި ހިނގާނެ ދެކަމެއް ނޫންކަން ފާހަގަކޮށް، ޕާކިސްތާނުގައި ޓެރަރިޒަމްގެ ޖަރީމާ ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.