ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުއޮޅިތަކުގެ ތެރޭގައި ގުނާލެވޭ މިސްރުގެ ސުއެޒް ކެނަލްގައި، މުދާ އުފުލާ ބޮޑު ބޯޓެއް ތާށިވި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ކިއުގައި ޖެހުނު ހުރިހާ ކަނޑުބޯޓެއް، މިހާރު އެ ކަނޑުއޮޅި ހުރަސް ކޮށްފައި ވާ ކަމަށް، މިސްރުގެ ސުއެޒް ކެނަލް އޮތޯރިޓީއިން ބުނެފިއެވެ.
400 މީޓަރު ދިގު، "އެވާ ގިވަން" ނަމަކަށް ކިއާ މުދާ އުފުލާ ބޯޓު، މާޗް 23، 2021 ވަނަ ދުވަހު ސުއެޒް ކެނަލްގައި ކަންކުއްޗަކަށް ތާށިވެ، ހަފުތާއެއްހާ ދިގު ދެމިގެންދިޔަ އެ ހާދިސާއާ ގުޅިގެން، ސުއެޒް ކެނަލް ސަރަހައްދުގައި 400 އެއްހާ ކަނޑުބޯޓު، ކިއު ޖެހުނު ކަމަށް މައުލޫމާތު ލިބެއެވެ.
މި ކިއުގައި ޖެހުނު އެންމެ ފަހު ބޯޓުތައްވެސް މިހާރު އެ ކަނޑުއޮޅި ހުރަސް ކޮށްފައި ވާ ކަން، މިސްރުން ކަށަވަރު ކޮށްދެއެވެ. ސުއެޒް ކެނަލް އޮތޯރިޓީއިން ބުނީ، ހޮނިހިރު ދުވަހު އެކަނިވެސް، 4.2 މިލިއަން ޓަނުގެ މުދާ ހިފައިގެން 85 ބޯތެއް، އެ ކަނޑުއޮޅި ހުރަސް ކޮށްފައި ވާ ކަމަށެވެ.
މިސްރުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ، ސުއެޒް ކެނަލްގައި "އެވާ ގިވަން" ތާށިވާން ދިމާވި ގޮތެއް ބެލުމަށް، ތަހުގީގު ހިންގަމުންނެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، މި ހޯދުންތައް އާންމު ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
193 ކިލޯމީޓަރަށް ދެމިގެންދާ ސުއެޒް ކެނަލްއަކީ، ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގެ 12 ޕަސެންޓް، ދަތުރު ކުރާ މަގެވެ. މެޑިޓަރޭނިއަން ކަނޑާއި ރަތް ކަނޑު ގުޅާލަދޭ މި ކަނޑުއޮޅިއަކީ، އޭޝިއާއާއި ވިލާތު ބައްރާ ދެމެދު ދަތުރު ކުރެވެން އޮންނަ އެންމެ ކުރު ރާސްތާ ވެސް މެއެވެ.
ސުއެޒް ކެނަލް އޮތޯރިޓީއިން ވަނީ، އެ ކަނޑުއޮޅި ބަންދުވެގެން ހިނގި ހާދިސާގެ އަގުގެ ބަދަލަށް އެންމެ ކުޑަ ވެގެން، 1 ބިލިއަން ޑޮލަރު ޑޮލަރަށް ޑިމާންޑް ކުރާނެ ކަމަށް ބުނެފައެވެ.
800 އެއްހާ މީހުންގެ މަސައްކަތުން މިދިޔަ ހޯމަ ދުވަހު ފުންކުރި "އެވާ ގިވަން" އަދިވެސް އޮތީ މިސްރުގައެވެ. ސުއެޒް ކެނަލް އޮތޯރިޓީގެ ޗެއާމަން، އުސާމާ ރާބީ ވިދާޅުވީ، މާލީ ބަދަލު ދެންދެކަށް، "ގްރޭޓް ބިޓާ ލޭކް" ސަރަހައްދުގައި، "އެވާ ގިވަން" ހިފަހައްޓާނެ ކަމަށެވެ.
އުޅަނދުގެ ފަންނީ މެނޭޖަރުން ބުނާ ގޮތުގައި، ބޯޓު މަގުން ކައްސާލީ ވައި ގަދަ ވުމުގެ ސަބަބުންނެވެ. އަދި މެކޭނިކަލް ނުވަތަ އިންޖީނު ފެއިލްވުން ފަދަ ކަމެއް ހިނގާފައި ނުވާކަމަށްވެސް ބުނެއެވެ. ނަމަވެސް ރާބީ ވިދާޅު ވާ ގޮތުގައި، ވައިގަދަ ވުމަކީ ސަބަބެއް ނޫނެވެ. ހާދިސާ ހިނގާފައި ވަނީ ފަންނީ މައްސަލައެއް ނުވަތަ އިންސާނުންނަށް ހެދުނު ގޯހަކުން ކަމަށް އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް ދުވަހަކުވެސް ސުއެޒް ކެނަލް ބަންދު ކޮށްފައި ނުވާނެ ކަމަށް އޭނާ ވަކާލާތު ކުރައްވައެވެ. އަދި ބޯޓުގެ ސައިޒަކީވެސް މިކަމުގެ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ.