ކޮވިޑް-19ގެ ވެކްސިން ޕްރޮގްރާމުގައި ދެވަނަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި ހަތަރު ސެންޓަރެއްގައި ކުރިއަށް ގެންދާނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއޯއީސީން ބުނީ މާދަމާ ފަށަން ހަމަޖެހިފައިވާ ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީ އެކަކާއި ހަތަރުވަނަ ދުވަހާ ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ކަމަށެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދާއިރު ވެކްސިން ކާޑް އަދި އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނޫނީ ލައިސަންސް ކާޑް ގެންދަން އެޗްއީއޯސީން ވަނީ އެދިފައެވެ.
ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ.
ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކުން ޗައިނާގެ ސިނޯފާމް ވެކްސިން އަދި އެމެރިކާގެ ފައިޒާ ވެކްސިނަށް މިހާރު އެމަޖެންސީ އެޕްރޫވަލް ދީފައިވާ އިރު މިމަހުގެ 22 އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި ސިނޯފާމްގެ ފުރަތަމަ ޑޯޒް ދޭން ފަށާފައެވެ.
އެގޮތުން ދެވަނަ ޑޯޒް ދިނުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.