އަވަށްޓެރި އިންޑިއާގެ ކައިވެނީގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ޑައުރީ ދެއްކުމާއި ހަފުލާތައް ބޭއްވުން، ވީހާވެސް ކުޑަ ގޮތަކަށް ނިންމާލުމަށް، އިންޑިއާގެ މުސްލިމުންގެ ފަރާތުން ހަރަކާތްތެރިވާ އިސް ޖަމިއްޔާއަކުން އިލްތިމާސް ކޮށްފިއެވެ.

އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯޑް (އެއިމްޕީއެލްބީ) އިން 11 ނުކުތާއެއްގެ މައްޗަށް ބިނާކޮށް، މިފަދަ އިލްތިމާހެއް ކޮށްފައި މިވަނީ، ކައިވެންޏަށް އަންހެން މީހާގެ އާއިލާގެ ފަރާތުން ދައްކާ ޑައުރީގެ މައްސަލާގައި، ދާދިފަހުން އަންހެނަކު އަމިއްލައަށް މަރުވި ހާދިސާއާ ގުޅިގެންނެވެ.

އެ ޖަމިއްޔާއިން ވަނީ، ޑައުރީއަށް ޑިމާންޑް ނުކުރުމަށް "ވަޢުދުވުމަށް" ހުރިހާ މުސްލިމުންނަށް ގޮވާލާފައެވެ. އަދި ކައިވެނި ހަފުލާތަކުގައި އޮންނަ ބޭކާރު ސަގާފަތްތައް ދޫކޮށް، ވީހާވެސް ކުޑަ ގޮތަކަށް އެކަން ނިންމާލުމަށް ވަނީ ގޮވާލާފައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި މުސްލިމުންގެ ހިއްސާ 14 ޕަސެންޓަށް ވުރެ މައްޗަށް އަރާއިރު، އެއިމްޕީއެލްބީއަކީ، އިންޑިއާގެ މުސްލިމު ތަމްސީލު ކުރާ އެންމެ ވަރުގަދަ އެއް ޖަމިއްޔާއެވެ.

އެ ޖަމިއްޔާއިން ވަނީ ކައިވެންޏާ ގުޅިގެން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް، އެކަމަށް މީހުން ހޭލުންތެރި ކުރުވުމަށް 10 ދުވަހުގެ ހާއްސަ ކެމްޕޭނެއްވެސް ފަށާފައެވެ. މި ކެމްޕޭން، މުޅި އިންޑިއާގައި ހިންގާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެ ގޮތުން، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކައިވެނީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން އިލްމުވެރިން މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ހަބަރު ލިބެއެވެ.

އެއިމްޕީއެލްބީ އިން ކަނޑައަޅާފައިވާ ގަވައިދަށް ބަލާއިރު، ކައިވެންޏާ ގުޅިގެން އޮންނަ ބޮޑު ހިނގާލުމާ، ބަޑިބޭހުގެ ކުޅިވަރުތަކާ، ނެށުމާއި، ބޮޑެތި ޖާފަތްތަކަކީ، އިސްލާމް ދީނުގެ ރޫހާ ހިލާފު ކަމެއް ކަމުގައި ވަނީ ބަޔާން ކޮށްފައެވެ. ކައިވެނީގެ ވަލީމާއަކީ ކައިވެނީގެ ރަސްމީ ކަންކަން ނިމުމަށްފަހު، ފިރިމީހާގެ އާއިލާގެ ފަރާތުން ދޭން ޖެހޭ އެއްޗެއް ކަމަށާ، މިފަދަ ކެއުންތަކަށް ފަގީރުންނާއި، މުޖުތަމައުގައި އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދައުވަތު ދިނުމަށްވެސް ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މި ފަހަކަށް އައިސް އިންޑިއާގައި މުސްލިމުން ކައިވެނި ކުރަނީ މިސްކިތް ތަކުގައި ކަމުން، ދީނުގެ ރޫހާ ހިލާފު އަމަލުތައް ހިންގާ މިންވަރު މަދުވެފައި ވާ ކަން، އެއިމްޕީއެލްބީގެ ސެކްރެޓަރީ އުމްރައިން މަހްފޫޒު ރަހްމާނީ ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، ކައިވެންޏަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމުން، ފަގީރު އަންހެނުން ކައިވެނި ނުކޮށް ތިބޭ ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.