އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ކުރި މުޒާހަރާއިން 16 މީހުން ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މިއަދުގެ މުޒާހަރާއިން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 16 މީހުން ކަމަށެވެ.

މުޒާހަރާއަށް ހުރަސް އެޅުމަށް ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދު ކޮށްފައެވެ. އެގޮތުން، ބްރިޖު ވިއު ޕްލެޓްފޯމުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވެއެވެ. ހަމައެއާއެކު ބަންދުކޮށްފައިވާ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ހުރިހާ ގޯޅިއެއް ބަންދުކޮށް ފުލުހުން ދަނީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހު އަންނަނީ މުޒާހަރާ ކުރަމުންނެވެ.

އެޗްޕީއޭއިން ވަނީ އެއްވުންތައް ނުބޭއްވުމަށާއި އާންމު ތަންތަނަށް އެކުއެކީގައި 5 މީހުންނަށް ވުރެ ގިނައިން ނުކުމެ އުޅުން މަނާކޮށްފައެވެ. އަދި އެޗްޕީއޭގެ އެންގުންތައް ތަންފީޒު ކުރަން ފުލުހުން މަސައްކަތް ކުރަމުން ދާނެ ކަމަށް ބުނެފައި ވެއެވެ.