މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރު ކަމާއެކު ޖަމާއަތުގައި ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުން ބަދަލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން ނިންމާފައިވާ ނިންމުން މިއަދުގެ މަޣުރިބް ނަމާދުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދާއިރު ގައިދުރުކަމާއެކު ޖަމާއަތް ނުހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހެވެ.

އޭރު އެގޮތަށް ނިންމާފައި ވަނީ ކޮވިޑް ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއި، ހާލަތު އިތުރަށް ގޯސްވަމުން ދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާތީ ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، އޭރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ފެށުނީއްސުރެ 100 އިން މަތިން ޕޮޒިޓިވްވާ އިރު އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އެއާއެކު މިނިސްޓްރީން ވަނީ މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ގައިދުރުކޮށް ނަމާދުކުރަން ފަށާފައެވެ. އެ ނިންމުމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ވެސް ފާޅުކުރިއެވެ.