ރާއްޖޭގެ ދިގު އަދި މުއްސަނދި ތާރީހު ދިރާސާކޮށް، ލިޔެ، ރައްކާ ކުރުމަކީ، ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައި މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ގައުމީ މަސައްކަތެއްގެ ގޮތުގައި ސިފަ ކުރައްވާ، ތާރީހު ދިރާސަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އަލްގާޒީ ހަސަން ތާޖުއްދީން ލިޔުއްވާފައިވާ "ތާރީހް އިސްލާމި ދީބާ މަހަލް"ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. "ތާރީހް އިސްލާމި ދީބާ މަހަލް" އަކީ، ރާއްޖޭގެ ދިގު ތާރީހާ ގުޅޭގޮތުން ދިވެއްސަކު ލިޔުއްވާފައިވާ އެންމެ ފުރަތަމަ ފޮތެވެ. އަލްގާޒީ ހަސަން ތާޖުއްދީން މި ފޮތުގެ އަސްލު ލިޔުއްވާފައި ވަނީ އަރަބި ބަހުންނެވެ.

ރައީސް ސޯލިހް މި ފޮތް ސިފަ ކުރައްވަނީ ރާއްޖޭގެ ތާރީހުގެ ވަރަށް އަގުހުރި ރަން މުތެއްގެ ގޮތުގައެވެ. އަދި، ގައުމީ ތަރިކައެއްގެ ގޮތުގައެވެ. އެމަނިކުފާނު ވިދާޅުވީ، މި ފޮތަކީ ކިޔަވާ ކުދިންނަށް ލިބުނު ވަރަށް އަގުހުރި އިލްމީ ހަދިޔާއެއް ކަމަށެވެ. އަދި، ތާރީހު ދިރާސާ ކުރައްވާ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް އިތުބާރު ހުރި މަސްދަރެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތާރީހް އިސްލާމި ދީބާ މަހަލް"ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުން / ފޮޓޯ: ރައީސް އޮފީސް

މި ފޮތް ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކަމާގުޅޭ ފެކަލްޓީތަކުން، ރާއްޖޭގެ ތާރީހާ މެދު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ދިރާސާކުރަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި، ދަރިވަރުންނަށް އެ ކަމަށް ހިތްވަރުދެއްވައި، ދިވެހި ބަހުގެ އެކެޑަމީގެ އެހީތެރިކަމާއެކު، އެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފެއްޓެވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ތާރީހު ދިރާސާކޮށް، ތާރީހީ ލިޔުންތައް ރައްކާ ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި ކަމުގައި އިސްކަން ދޭންވީ ހަމައެކަނި އިހުގެ ތާރީހަށް ނޫން ކަމުގައެވެ. އަދި، އެއިރެއްގައި ކަން ހިނގަމުންދާ ގޮތް، އެއްވެސް ތައައްސުބެއް ނެތި، ތެދު ބަހުން ހާމަ ކުރުމަށް އިސްކަން ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ ކަން އެންމެ ފުރިހަމައަށް ކުރެވޭނީ، އެ ޒަމާނެއްގައި، އެ ކަމެއް " ލޮލުން ދެކި އަތުން ހިފި ބަޔަކަށް" ކަމުގައެވެ. އަދި، އެ ކަމެއް ހިނގަމުންދާ ދުވަސްވަރެއްގައި ކަމުގައެވެ.

ރައީސް ސޯލިހް، :ތާރީހް އިސްލާމި ދީބާ މަހަލް"ގެ ދިވެހި ތަރުޖަމާ ބައްލަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް

"ތާރީހް އިސްލާމި ދީބާ މަހަލް"ގައި ހުރި ވާހަކަތަކަށް ބަލާއިރު، އެއީ ހަމައެކަނި ތާރީހީ ފޮތެއް ނޫން ކަމަށާއި، އެއީ ދުނިޔަވީ ކަންކަމުގައި ހެޔޮ އިރުޝާދު ބޭނުންވާ މީހަކަށް ވަރަށް ބޭނުންތެރި އަގުހުރި ނަސޭހަތްތަކެއް ކަން ވެސް ރައީސް ސޯލިހް ވަނީ ފާހަގަ ކުރައްވާފައެވެ. ހަމައެއާއެކު، އެއީ އިންސާނީ ތާރީހުގެ ފަތްފުށްތަކުން އިބްރަތް ހާސިލް ކުރަން އެދޭ މީހަކަށް ވެސް، އެތައް ދަރުސްތަކެއް ލިއްބައިދޭނެ ފޮތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.