ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް އިންޑިއާއިން ހަކުރު އިމްޕޯޓް ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ނިންމެވި ނިންމެވުމަށް، އޭނާގެ ވަޒީރުންގެ މަޖިލީހުން އިންކާރު ކުރައްވައިފިއެވެ.

އިންޑިއާއިން ހަކުރު އެތެރެ ކުރުމަށް، އިކޮނޮމިކް ކޯޑިނޭޝަން ކޮމިޓީއިން ދިން ލަފާ، ޕާކިސްތާނުގެ ވިޔަފާރިއާ ބެހޭ ވަޒީރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޮޑުވަޒީރު އިމްރާން ވަނީ ފާސް ކުރައްވާފައެވެ.

ނަމަވެސް ޖައްމުއާ ކަޝްމީރަށް އިންޑިއާއިން ދީފައި އޮތް ހައްސާ ދަރަޖަ އުވާލި މައްސަލާގައި، އިންޑިއާއިން ހަކުރު އިމްޕޯޓް ކުރުން ބަލައިގަތުމަށް، އިމްރާންގެ ބައެއް ވަޒީރުން ވަނީ ދެކޮޅު ހައްދަވާފައެވެ.

މިކަމާ ބެހޭ ގޮތުން ޕާކިސްތާނުގެ ފޮރިން މިނިސްޓަރު، ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވީ، މިފަހަކަށް އައިސް އިންޑިއާއާއި ޕާކިސްތާޏުގެ ގުޅުން ބަދަހި ވަމުން ދާ ކަމުގެ އިޝާރާތްތަކެއް ފެނުނު ކަމުގައި ވީ ނަމަވެސް، އޯގަސްޓް 5، 2019 ވަނަ ދުވަހު އިންޑިއާއިން ގެނައި ބަދަލަށް ނިމުން ނުގެންނަނީސް، ދޭދޭ ގުޅުންތައް އާންމު ވާން ނެތް ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު، ޝައިހް ރާޝިދުވެސް ވިދާޅުވީ، އިންޑިއާއިން ހަކުރާއި ކަފަ އިމްޕޯޓް ކުރެވެން އޮތީ ކަޝްމީރާ ގުޅިފައިވާ މާއްދާ 370 އާ ގުޅޭ ކަންކަން، އިހު އޮތް ގޮތަށް ރުޖޫއަ ކޮށްގެން ކަމަށެވެ.