ކުރިއަށް އޮތް ދުވަސްތަކުގައި ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ތެޔޮ އުފައްދަމުން އަންނަ ގައުމުތަކުގެ އެންމެ ވަރުގަދަ އެއް އިއްތިހާދު، އޯޕެކް ޕްލަސް (އޯޕެކް+) އިން އެއްބަސްވެއްޖެއެވެ.

އޯޕެކް+އިން ވަނީ ކުރިއަށް އޮތް މެއި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ތެޔޮ އުފައްދާ މިންވަރަށް، ދުވާލެއްގެ މައްޗަށް 2 މިލިއަން ފީފާގެ ތެޔޮ އިތުރު ކުރުމަށް އެއްބަސްވެފައެވެ.

މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އޯޕެކުން ހިފެހެއްޓި ޝިޕްމަންޓް، މިއާއެކު ބާޒާރަށް ނެރެވޭނެއެވެ.

ކޮވިޑް-19އާ އެކު މަޑުޖައްސާލި އިގުތިސޯދީ ހަރަކާތްތައް އަލުން ހިންގަން ފަށާއިރު، ބައިނަލްއަގުވާމީ މުޖުތަމައަށް ބޭނުން ވާ ތެލުގެ ޝިޕްމަންޓް ބާޒާރަށް ނެރުމަށް އޯޕެކަށް ދަނީ ޕްރެޝަރާ ކުރިމަތިވަމުންނެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް މިހާރު ހުރީ، ފީފާއެއްގެ އަގު، 60 ޑޮލަރަށް ވުރެ މަތީގައެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ތެޔޮ ބޭނުން ކުރަމުން އަންނަ އެމެރިކާއާއި އިންޑިއާ ފަދަ ގައުމުތަކުން ދަނީ، ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް އޯޕެކަށް ޑިމާންޑް ކުރަމުންނެވެ.

ސައުދީ އަރަބިއްޔާ އިސްވެ އޮވެ ހިންގާ 23 ގައުމުގެ އޯޕެކް+ އިއްތިހާދުން ވަނީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް މުރާޖައާ ކުރަން ޖެހިއްޖެ ނަމަ އެކަން ކުރުމަށް މިމަހުގެ 28 ވަނަ ދުވަހު ބައްދަލު ކުރަން އެއްބަސްވެފައެވެ.