ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބަހަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ އެ ބޭންކްގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުންނެވެ.

ބީއެމްއެލަށް 2019 ވަނަ އަހަރު ރަނނަޅު އާމްދަނީއެއް ލިބިފައިވީ ނަމަވެސް 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ދިމާވި އިގްތިސޯދީ ގޮންޖެހުންތަކާއެކު އެ ކުންފުންޏަށް މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމަށް ފަހު 325 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ. އެއީ 2019 ވަނަ އަހަރާ އަޅާ ބަލާ އިރު 68 ޕަސެންޓަށް ވެއްޓުމެކެވެ. ބީއެމްއެލްއަށް 2019 ގައި ސާފު ފައިދާއަށް 960 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެ އަހަރު ހިއްސާއަކަށް އެ ބޭންކުން ވަނީ 26 ރުފިޔާ ބަހާފައެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ކާމިޔާބު ނަތީޖާއެއް 2019 ގައި ދެއްކުނު ނަމަވެސް، ކޮވިޑް-19ގެ ސަބަބުން ކުރިން އަންދާޒާ ކުރެވިފައި ނުވާ މިންވަރަކަށް ވިޔަފާރި ހުއްޓުމަކަށް އައުމުން 2020ގެ އާމްދަނީ ވަރަށް ބޮޑަަށް ދަށްވި ކަމަށެވެ. އެކަމުން އަރައިގަތުމުގައި މިހާރު ހެޔޮ ބަދަލުތަކެއް ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު އެ ކުންފުނިން އަންނަނީ އިގްތިސޯދީ އަޑިގަނޑުން އަރައިގަނެ ފައިދާ އިތުރުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ކަމަށް ސޯޔާ ވިދާޅުވިއެވެ. އެގޮތުން މި ދަތި ވަގުތު ވެސް ބުރަކޮށް މަސައްކަތްކުރަމުން އަންނަ މުވައްޒަފުންނަށާއި ބޭންކްގެ ކަސްޓަމަރުންނަށް ސޯޔާ ޝުކުރު އަދާކުރެއްވިއެވެ.