ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހަގީގީ ފެށުމާ ބެހޭ މައުލޫމާތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިއްސާ ކޮށްފައި ނުވާ ކަމަށް ތުހުމަތުކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އާންމު ކޮށްފައިވާ ތަހުގީގު ރިޕޯޓަށް ޗައިނާއިން ރައްދު ދީފިއެވެ.

ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯގެ މިނިވަން ތަޖުރިބާކާރުންގެ ޕެނަލުން ޗައިނާގައި ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓްގެ ބަޔާނަށް ރައްދު ދެމުން ޗައިނާއިން ބުނެފައި ވަނީ އޭގައި ވާ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

ކޮވިޑް-19ގެ އަސްލާ ބެހޭ އެންމެ ފުރިހަމަ މައުލޫމާތު، ތަޖުރިބާކާރުންގެ ޓީމާ ހިއްސާކޮށްފައި ނުވާ ކަމަށް، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވަނީ ވިދާޅުވެފައެވެ.

މި ތުހުމަތަކީ އެއްވެސް ބުރަދަނެއް ނެތް ތުހުމަތެއް ކަމަށް ވިދާޅުވެ، ދިފާއަށް ވާހަކަދައްކަވަމުން ޗައިނާގެ ފަރާތުން ދިރާސާގައި އިސްކޮށް ހުންނެވި ލިއާންގް ވައްނިއަން ވިދާޅުވީ، ޗައިނާގެ ދިރާސާ ޓީމާއި ބައިނަލްއަގުވާމީ ދިރާސާ ޓީމަށްވެސް ހިއްސާކޮށްފައި ވަނީ އެއް މައުލޫމާތެއް ކަމަށެވެ.

ވައްނިއަން ވިދާޅުވީ، ޗައިނާގެ ޓީމުން ތައްޔާރު ކުރި ރިޕޯޓްގެ މަސައްކަތް ނިމިފައި ވާ ކަމަށާ، ޗައިނާގެ ރިޕޯޓްގެ ހުލާސާއަށް ބަލާއިރު، ކޮވިޑް-19ގެ ކޭސްތައް ޗައިނާއިން ފެންނަން ފެށުމުގެ ކުރިން، ޗައިނާއިން ބޭރުގައި އެ ބަލި އުޅޭ ކަމަށް ބުނާ ބުނުމަށް ދުނިޔެ ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.

ކޮވިޑް-19ގެ ޖީން ސީކުއަންސަށް ބަލާއިރު ވާލާއި ޕެންގޮލިންސްއިން އެއް ގޮތް ކަމެއް ފެނިފައި ވާކަމަށާ، ނަމަވެސް، އެއީ ކޮވިޑް-19 ސީދާ އައި ގޮތް ކަމަށް ބުނެވެން ނެތް ކަމަށެވެ.

ޑަބްލިއުއެޗްއޯއިންވެސް ކޮވިޑް-19 އިންސާނުންނަށް ފޯރީ ވާލުގެ ޒަރިއްޔާއިން އެހެން ޖަނަވާރެއް މެދުވެރިކޮށް ކަމަށް ބުނެފައެވެ. ނަމަވެސް، އެއީ ކޮން ޖަނަވާރެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.