ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އަވަށްޓެރި އިންޑިއާގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށް، އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ބްރީފިންގްގައި ވާހަކަ ދައްކަވަމުން އިންޑިއާ ސަރުކާރުން ވެކްސިން ޕްރޮގްރާމަށް ކަނޑައަޅާފައި ހުންނަވާ ޗެއާޕާސަން، ވިނޯދު ކޭ ޕޯލް ވިދާޅުވީ، މި ދަނޑިވަޅަކީ އިންޑިއާއަށް ސީރިއަސް ދަނޑިވަޅެއް ކަމަށާ، މިވަގުތު ވަކި ސަރަހައްދުތަކެއްގައި ހާލަތު ގޯސްވި ނަމަވެސް، މުޅި ގައުމަށް ނުރައްކާ އެބަ އޮތް ކަމަށެވެ.

އިންޑިއާއިން މިއަދު ވަނީ 53480 ކޮވިޑް ކޭސް ރެކޯޑް ކޮށްފައެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 354 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ ޑިސެމްބަރު މެދަކާ ހިސާބުން ފެށިގެން ބަލާއިރު، ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވި ކަމަށް އިންޑިއާއިން ރެކޯޑް ކުރި ދުވަސް ކަމަށް ހަބަރު ލިބެއެވެ.

މި މަހަށް ފެށީއްސުރެ އިންޑިއާއިން ދަނީ ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުންނެވެ. އެންމެ ގިނަ އަދަދަކަށް ކޭސް ހިއްސާ ކުރަނީ، އެންމެ ތަނަވަސް ސްޓޭޓް ކަމަށް ވާ މަހާރާޝްތުރާއިންނެވެ.

ކޮވިޑް-19ގެ އާ ވޭރިއަންޓްތައްވެސް އިންޑިއާއިން ފެންނަމުން ދާއިރު، މިހާރު ކޭސް އިތުރު ވަމުން ދަނީ މި ކަމުގެ ސަބަބުން ކަމަށް ބުނުމަށް އިންޑިއާ ސަރުކާރުން ދެކޮޅު ހަދައެވެ.