ޖަޕާނުގެ ބަހާރު މޫސުމުގެ ރަމްޒުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ޗެރީ ގަސްތަކުގައި މި އަހަރު މާ އަޅާފައި ވަނީ، ފާއިތުވީ 1200 އެއްހާ އަހަރު ދުވަހުގެ ތެރޭގައިވެސް ނާޅާހާ އަވަހަށް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އޮސާކާ ޔުނިވާސިޓީއިން އެއް ކޮށްފައި ވާ މައުލޫމާތަށް ބަލާއިރު، ކިޔޯޓޯގެ ޗެރީ ގަސްތުގައި އެންމެ ފުރިހަމައަށް މާ އަޅާ ބަރާވެފައި ވަނީ މާޗް 26، 2021 ހިސާބުގައެވެ.

ސައެންސްވެރިން ބުނާ ގޮތުގައި މާއެޅުން އަވަސް ވެފައި ވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުންނެވެ. މި އަހަރުގެ ބަހާރު މޫސުމަކީ، ކިޔޯޓޯއަށް އާދަޔާ ހިލާފަށް ހޫނު ދުވަސްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިހާ އަވަހަށް ޗެރީ ގަސްތުގައި މާ އަޅާ ބަރާވެފައި ވާ ކަމަށް ތާރީހުން ފެންނަން އޮތީ 1409 (އޭޑީ) ގައެވެ.

މި ގޮތަށް ޗެރީ ގަސްތުގައި މާ އަޅާފައި އޮންނަނީ ކުޑަ ދުވަސްވަކޮޅަކަށެވެ. ނަމަވެސް މި ދުވަސްކޮޅަކީ، އިގުތިސޯދީ ގޮތުންނާއި ސަގަފީ ގޮތުން ޖަޕާނަށް މުހިންމު ދުވަސްތަކެކެވެ.

މި އަހަރު ޖަޕާނުގެ ޗެރީ ގަސްތަކުގައި މާ އަޅަން ފެށީވެސް ރެކޯޑް އަވަހަށެވެ. އެގޮތުން، މާޗް 11، 2021 ގައި ހީރޯޝީމާގެ ޗެރީ ގަސްތަކުގައި މާ އަޅަން ފެށި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.