މި ސަރުކާރުން ޖޫރިމަނާ ކުރުމަކީ ބޮޑު ސިނާއަތަަކަށް ހަދާފައިވާ ކަމަށާއި ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއިދޭނެ ކަމަށް އެ ބުނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާ ހިލާފްވެގެން ޒުވާނުންނާއި 18 އަހަރުން ދަށުގެ ކުދިން ކޮށްފަިއވާ ޖޫރިމަނާ އަށް ލުއެއް ހޯދައިދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ހުށަހެޅުއްވި މައްސަލައަކަށް ބަހުސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި މިދިޔަ ދުވަސްތަކުގައި ވެސް ވަނީ މަތި މައްޗަށް އާންމުން ޖޫރިމަނާ ކޮށްފައި ކަމަށާއި އަދި ޖޫރިމަނާ ކޮށްގެން އެތައް 34 ނޫނީ 38 މީލިއަނެއްހާ ރުފިޔާ އަހަރެއް ތެރޭ ހޯދާފައިވާ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ޖޫރިމަނާ ކުރުމަކީ ބޮޑު ސިނާއަތަކަށް ހަދާފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

ސިޔާސީ ޕާޓީއަކުން މި ދަނޑިވަޅުގައި މި މައްސަލަ ނެގުމުގެ މަގްސަދު އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރު ނުހިނގާ ކަމަށާއި ޖޫރިމަނާ އާ ގުޅުން ހުރި އެތައް މައްސަލަތަކެއްގައި މިހާރު ގިނަ ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ޖޫރިމާނާ ކޮށްގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ސިފަކޮށްދެއްވަމުން ސައީދު ވިދާޅުވީ، އިގްތިސޯދީ ކޮމިޓީ ގައި ކުދި ވިޔަފާރިތައް ތަމްސީލް ކުރާ ރެސްޓޯރަންޓް އެސޯސިއޭޝަނުން ގާތްގަނޑަކަށް 1800 ފަރާތް އާދޭސް ކޮށްފައި ވަނީ އެ ފަރާތްތައް މަތިމައްޗަށް ޖޫރިމަނާ ކޮށްފައިވާ މައްސަލަ ކަމަށެވެ. ހަމައެއާއެކު ކުދި ވިޔަފާރިތަކުގެ 45 ޕަސެންޓް މި ރޯދަ މަސް ނިމޭ އިރު ބަނގުރޫޓު ވާނޭ ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައި ކަމަށް ސައީދު ވިދާޅުވިއެވެ.

"ކޮވިޑްގެ ގާތްގަނޑަކަށް އަހަރަކާއި 2 މަހެއް ވަރު ވެގެން މި ދިޔަ ދުވަސްތަކުގައި ޖޫރިމަނާ މަތި މައްޗަށް ޖޫރިމަނާ، މަތި މައްޗަށް ޖޫރިމަނާ ކުރަމުން ކުރަމުން ގޮސް ނޫހަކުން އަޅުގަނޑަށް ފެނުނު 34 އަޅިުގަނޑު ހަދާޏް ވަނީ 34 ނޫނީ 38 މިލިއަން ރުފިޔާ ޖޫރިމަނާ ކޮށްލާފަ އޮތް ވާހަކަ އަހަރެއްގެ ތެރޭގައި"
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

ހަމައެއާއެކު 500 ޓެކްސީ ޑްރައިވަރުން ހުށަހަޅާފައިވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ ޓްރޭޑް މިނިސްޓަރު ޑްރައިވަރުންނަށް އަންގިއާއި މާސްކާއި ޑިވައިޑަރު ދެއްވާނެ ކަމަށް ވިދާޅުވެފައި އެކަން ވެސް މިއަދާ ހަމައަށް އައި އިރު ކޮށްދެވިފައި ނުވާ ކަމަށެވެ. މަޖޫރީންގެ ވެސް މިފަދަ ޝަކުވާތަކެއް ހުރި ކަމަށާއި އެ ކަންކަން މި ސަރުކާރަށް ހައްލުކޯށް ނުދެވޭ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ގާތްވެފައި ވަނިކޮށް މިހާރު ލައިސަންސް ޖުރިމަނާ މައްސަލައިގައި ލުއި ގޮތްތަކެއް ހަދައި ދިނުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ދިވެހި ޒުވާނުން އެނގޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ޒުވާނުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް މިފަދަ ވާހަކައެއް ދައްކަވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދާ ހިލާފްވެގެން ކޮށްފައިވާ ޖޫރިމަނާއަށް ލުއި ދިނުމަށް ހުށަހަޅާފައިވާ މައްސަލަ އިހްލާސްތެރިކަމާއެކު ކުރުމުގެ ނިޔަތެއް އޮވެއްޖިއްޔާ މި ސަރުކާރާއި މިކަމާ ގުޅުން ހުރި ވަޒީރުން އެއް "މެޝިނެއް" ގެ ގޮތުގައި ހިނގަން ޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެހެން އެކަން ނުވާ ކަމުގައި ވާ ނަމަ ރައްޔިތުން މި ސަރުކާރު ފެއިލް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވެފައި ވަނީ، އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާ ހިލާފް ވެގެން ޖޫރިމަނާ ކޮށްފައިވާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު 2019 ވަނަ އަހަރު 2366 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އަދި މިދިޔަ އަހަރު 2658 ފަރާތެއް ޖުރިމަނާ ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި 3300 އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.