ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑު މަގުން މުދާ އުފުލާ ބޮޑެތި ބޯޓުފަހަރުތަކުގެ ތެރެއިން އެއް ބޯޓު، މިސްރުގެ ސުއެޒް ކެނަލްގައި ތާށިވިތާ ހަފުތާއެއްހާ ދުވަސް ފަހުން، އެ ބޯޓު ފުންކޮށް، ދުނިޔޭގެ އެންމެ ކާރުބާރޫ ބޮޑު އެއް ކަނޑުއޮޅި އަލުން ހުޅުވާލައިފިއެވެ.
"އެވާ ގްރީން" ފްލީޓުގައި ހިމެނޭ 400 މީޓަރު ދިގު، "އެވާ ގިވަން" ނަމަކަށް ކިއާ މުދާ އުފުލާ ބޯޓު، ސުއެޒް ކެނަލްގައި ކަންކުއްޗަކަށް ތާށިވީ މިދިޔަ އަންގާރަ ދުވަހުއެވެ. ބޯޓު ތާށިވެ، އެ ކަނޑުއޮޅިން ދެކޮޅަށް ދުއްވެން އޮތް ހުރިހާ މަގެއް ބަންދު ވުމާއެކު، އެތައް ސަތޭކަ ބޯޓެއް ވަނީ އެސަރަހައްދުގައި ކިއުޖެހިފައެވެ.
ކަނޑުމަތީގައި މިފަދަ ގޮތް ގޮތަށް ހާލުގައި ޖެހޭ ބޯޓުފަހަރު ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ނެދަލަންޑްސްގެ ބޮސްކާލީސް ކުންފުނީގެ ސީއީއޯ ޕީޓާ ބެރްދޯވްސްކީ ވިދާޅުވީ، "އެވާ ގިވަން" ފުންކޮށް، ސުއެޒް ކެނަލް ހުޅުވާލެވޭ ވަރުވީ ހޯމަ ދުވަހު ޖީއެމްޓީ ގަޑިން 13:05 ހާއިރު ކަމަށެވެ.
މިސްރުގެ އޮފިޝަލުން ވިދާޅުވީ، ސުއެޒް ކެނަލް ސަރަހައްދުގައި ކިއު ޖެހިފައިވާ ބޯޓުފަހަރު އެސަރަހައްދުން ދަތުރުކޮށް ނިންމާލުމަށް 3 ދުވަސް ވަރު ހޭދަ ވާނެ ކަމަށެވެ.
ނަމަވެސް، މި މަޑުޖެހުމުގެ ސަބަބުން، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ޝެޑިއުލަށް އެރި ލޮޅުމުގެ އަސަރު މުޅިން ފިލާ ދިއުމަށް ހަފުތާތަކެއް ނުވަތަ މަސްތަކެއް ހޭދަ ވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މި ބޯޓުތަކަށް މުދާ ހިފައިގެން މަންޒިލްތަކަށް ދަތުރު ކުރެވޭނީ ތާވަލަށް ވުރެ ލަހުން ކަމުގައި ވުމުން، ބަނދަރުތަކުގައި މުދާތައް ތޮއްޖެހޭ ގޮތް މެދުވެރިވެދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރެއެވެ. އަދި ވިލާތަށް މުދާ ގެންދިއުމުގެ އަގު އުފުލުން އެކަށީގެންވާ ކަމަށްވެސް ހަބަރު ލިބެއެވެ.
ފުން ކުރި "އެވާ ގިވަން" ބޯޓު މިހާރު އޮތީ، ސުއެޒް ކެނަލްއިން ދަތުރު ކޮށްފައި ދެވޭ ގްރޭޓް ބިޓާ ލޭކްއޭ ކިއުނު ސަރަހައްދުގައެވެ. މި ތަނުގައި ބޯޓު ބާއްވައިގެން، ބޯޓުގެ ފަންނީ މެނޭޖަރުން ބައިވެރިކޮށްގެން، ފުރިހަމަ ތަހްގީގެއް ހިންގާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ގަދަ ވަޔާ ވެލީގެ ތޫފާނެއްގައި ޖެހި، ކަނޑުއޮޅީގައި "އެވާ ގިވަން" ތާށިވުމުގެ ސަބަބުން އެސަރަހައްދަށް ތަޣައްޔަރު ކަމެއް އައިސްފައި ނުވާ ކަމަށާ، ބޯޓުގައިވާ މުދަލަށްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. މިހާތަނަށް ހިންގި ތަހްގީގުތަކަށް ބަލާއިރު، ބޯޓު ތާށިވީ، މެކޭނިކަލް ނުވަތަ އިންޖީނު ފެއިލްވެގެން ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.
ގިނަ އަދަދަކަށް މުދާ ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ މި ބޯޓުގައި އިންޝުއާ ކޮށްފައި ހުރި ކާގޯގެ އަގު، އެތައް ސަތޭކަ މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.