މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށްޓަކައި، މީގެ އަހަރެއްހާ ދުވަސް ކުރިން، އިންޑިއާ ލޮކްޑައުން ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އަމުރު ކުރައްވާ، އެކަން ތަންފީޒު ކުރެއްވީ، ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކާއި ތަޖުރިބާކާރުންގެ މަޝްވަރާއާ ނުލާ ކަމަށް ބީބީސީއިން ތުހުމަތު ކޮށްފިއެވެ.

ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އިނގިރޭސިވިލާތުގެ ބީބީސީއިން މޯދީއާ ދެކޮޅަށް މިފަދަ ތުހުމަތެއް ފެންމަތި ކޮށްފައި މި ވަނީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އެއްކުރި މައުލުމާތުތަކާ ހަވާލާދީ ކަމަށް، އެ މީޑިއާއިން އާންމު ކުރި ރިޕޯޓެއްގައި ބަޔާން ކޮށްފައިވެއެވެ.

އިންޑިއާގެ ހަރްޔާނާ ސްޓޭޓްގައި ހާލުގައި ޖެހިފައިވާ ހިޖުރަވެރި މަސައްކަތްތެރިންނަށް ހާއްސަކޮށްފައިވާ ވަގުތީ ހިޔާވައްސެއް/ފޮޓޯ: ހަރްޔާނާ ޕޮލީސް ޑިޕާޓްމަންޓް

މުޅި އިންޑިއާ ލޮކްޑައުން ކުރިއިރު އެ ގައުމުން ފެނިފައި ވަނީ 519 ކޭހެވެ. ބަލީގައި މަރުވީ 9 މީހުންނެވެ.

މުޅި ދުނިޔެ ދުށް އެންމެ ހަރުކަށި ލޮކްޑައުންގެ ގޮތުގައި އޮކްސްފޯޑް ޔުނިވާސިޓީއިން އިންޑިއާގެ ލޮކްޑައުން އަމުރު ލޭބަލް ކޮށްފައި ވާއިރު، 68 ދުވަހުގެ ލޮކްޑައުންގެ އަސަރު، ފަގީރުންނަށް އިންތިހާއަށް ކުރިއެވެ. ބައެއް މީހުންގެ ވަޒީރާ ގެއްލުނުއިރު، އެތައް ބަޔަކު މި ދުނިޔެއާ ވަކިވެދިޔައެވެ. ސަރުކާރުގެ އެހީއަށް އިންތިހާއަށް ބަރޯސާވެގެން ތިބި ފަގީރުންނަށް އުފުލަން ޖެހުނު ތަކުލީފު ވަކިން ބޮޑެވެ.

އިންޑިއާގެ ލޮކްޑައުންގައި ފުލުހަކު ފޯރިމަރަނީ

ކުއްލި ގޮތަކަށް ގައުމު ލޮކްޑައުން ކުރުމުގެ ނޭދެވޭ އަސަރު، އެންމެ ބޮޑަށް ފޯރި ބަޔަކީ ހިޖުރަވެރި މަސައްކަތްތެރިންނެވެ. ބައިނަލްއަގުވާމީ މީޑިއާގައި ދައުރުވި މަންޒަރުތަކުންވެސް އެކަން ސާފުވެއެވެ. ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް ގެނައުމުގެ ސަބަބުން، އެތައް ހާސް މަސައްކަތްތެރިންނެއް އަމިއްލަ ވަޒަނަށް ދިއުމަށް ދަތުރު ފެށީ ފައި މަގުގައެވެ. މި ދަތުރުގައި މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލީ މަދު އަދަދެއްގެ ބަޔަކު ނޫނެވެ.

ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަކާ ނުލާ، މުޅި ދުނިޔެ ދުށް އެންމެ ހަރުކަށި ލޮކްޑައުންގެ އަމުރު އިންޑިއާގައި ތަންފީޒު ކުރުމާ ބެހޭ ގޮތުން އިންޑިއާ ސަރުކާރުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރުމަށް، އިންޑިއާ ސަރުކާރުން އެކަމަށް އިންކާރު ކޮށްފައި ވާ ކަމަށްވެސް ބީބީސީގެ ރިޕޯޓްގައިވެއެވެ.