މަދަނީ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް، ބަދަލުވުމަށްފަހު އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުލުހުންގެ ގާނޫނީ އޮނިގަނޑަށް ދާދިފަހުން ގެނެވުނު ބަދަލުކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް 88 އަހަރު ފުރުމުގެ މުނާސަބާގައި ދެއްވި ހިޠާބުގައި ރައީސް ވަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނަ ފުލުހުންގެ އާ ގާނޫނުގެ މައްޗަށް އަލިއަޅުވާލައްވައި، އެ ގާނޫނުގެ ސަބަބުން ފުލުހުންގެ ހިދުމަތް އިތުރަށް ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

އަދި އާ ގާނޫނުގެ ބޭނުމަކީ މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި، ފުލުހުންގެ ހިދުމަތް ތަރައްގީކޮށް، ފުލުހުންނަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަމާއި، ގާނޫނީ ބާރާއި، ގާނޫނީ ހައިސިއްޔަތު، ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ސިފައިންނާ އެކުގައި ކުރިން އޮތް ދިވެހި ފުލުހުންގެ ހިދުމަތް، މަދަނީ ހިދުމަތެއްގެ ގޮތުގައި މުޅިން ވަކި މުއައްސަސާއަކަށް ބަދަލުވުމަށްފަހު، މިވީ 17 އަހަރުގެ ތެރޭގައި، ފުލުހުންގެ ކުރިއެރުމާއި ތަރައްގީއަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެނީ، ފުލުހުންގެ ގާނޫނީ އޮނިގަނޑަށް މިގެނެވުނު މުހިންމު ބަދަލު
ރައީސް

އަދި އެ ބަދަލާއެކު ފުލުހުންގެ ހިދުމަތް އިތުރަށް ލާމަރުކަޒުވެ، ކޮމިޔުނިޓީ ޕޮލިސިންގެ އުސޫލުން، އަދި ރައްޔިތުންނާ ގާތުން ދެވޭ ހިދުމަތަކަށް ފުލުހުންގެ ޚިދުމަތް ބަދަލުވެގެންދާނެކަމަށާއި އަދި ހަމައެއާއެކު ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުވެގެންދިއުމަށް މަގުފަހުވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ނުކުންނަ ފަރާތްތަކަކީ ތައުލީމީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ގާބިލު ބަޔަކަށް ހެދުމަށާއި ފުލުހުންގެ ވެލްފެއާ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.