ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދުގައި ދީނީގޮތުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހު 25 ގައި ސަރުކާރުން ގެޒެޓު ކުރި ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދު ބައްލަވާ ލައްވާފައިވާ ކަމަށެވެ. އަދި އެގަވާއިދުގައި ދީނީގޮތުން ކަންބޮޑުވާން ޖެހޭ ކަމެއް އޮތްކަމަކަށް ނުފެންނަ ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

އެ ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ގާނޫނުގައި ދިވެހި ރައްޔިތުކަން ދޫކޮށްލުމާ ބެހޭގޮތުން ކަނޑައަޅާފައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ އެންމެހައި މައުލޫމާތު އާންމުކޮށް ފަސޭހައިން ބެލޭނެ ގޮތް ގާއިމު ކުރުމާއި، ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އަމަލުކުރާނޭ ނިޒާމެއް ކަނޑައެޅުން ކަމަށް އެގަވާއިދުގައި ބުނެއެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ވެފައި ވުމާއި ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއް ކަމުގައި ވުމާއި އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވުން، ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ފަރާތަކަށް ވުން ހިމެނެއެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާނީ، މިނިސްޓާ އޮފް ފޮރިން އެފެއާޒަށެވެ. އަދި ރައްޔިތުކަން ދޫކޮށްލުމުގެ ހުށަހެޅުންތަކާބެހޭ އެންމެހައި ކަންކަން ވިލަރެސްކޮށް ބަލަހައްޓާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ ރަނގަޅަށް ފަހުމުވެފައި ވާކަން ކަށަވަރު ކުރުމަކީ، ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހާގެ ޒިންމާއެއް ކަމަށް އެގަވާއިދުގައި ބުނެއެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލައިފި ނަމަ، ދިވެހި ރައްޔިތަކަށް ވީތީ ލިބިދޭ އެންމެހައި ހައްގުތަކާއި އިމްތިޔާޒުތަކާއި އިނާޔަތްތަކެއް އެ މީހަކަށް ގެއްލިގެން ދާނެއެވެ. އޭގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެނޫންވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުމެއް ގެންގުޅުމުގެ ހައްގާއި ދިވެހި ޕާސްޕޯޓުގައި ދަތުރުފަތުރު ކުރުމުގެ ހައްގުގެ އިތުރުން އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ދިވެހިރާއްޖެއަށް އެތެރެވުމުގެ ހައްގު ގެއްލިގެން ދާނެއެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގާއި، އެއްވެސް އިންތިހާބަކަށް ކުރިމަތިލުމުގެ ހައްގާއި ދިވެހިރާއްޖޭގެ ސަރަހައްދުން އެއްވެސް ބިމެއް މިލްކުވެފައި ވާނަމަ، އެ ބިމުގެ މިލްކުވެރިކަމުގެ ހައްގާއި، ދިވެހިރާއްޖޭގެ ސަރަހައްދުން އޭނާއަށް މިލްކުވެރިކަން ލިބެން އޮތް ބިމަކާ ގުޅޭގޮތުން އޭނާއަށް ލިބިފައިވާ ހައްގުތައް ގެއްލޭނެއެވެ. އަދި ގާނޫނު އަސާސީންނާއި ގާނޫނުން ދިވެހި ރައްޔިތުންނަށް ލިބިދޭ އެނޫންވެސް ހައްގުތަކާއި އިމްތިޔާޒުތަކާއި އިނާޔަތް ލިބުމުގެ ހައްގު ވެސް ގެއްލޭނެއެވެ.