ބަންގްލަދޭޝްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރަން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންއިން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވާޗުއަލްކޮށް މިއަދު ބައިވެރިވެ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ބަންގްްލަދޭޝްގެ މިނިވަން ދުވަހާއި ބަަންގްލަދޭޝްގެ 'ފާދާ އޮފް ދި ނޭޝަން' ބަންގަބަންދު ޝެއިހް މުޖީބުއްރަހުމާނުގެ އުފަންދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ރައީސް މުހައްމަދު އަބްދުލް ހާމިދު، ބޮޑުވަޒީރު ޝެއިހް ހަސީނާ އަދި ބަންގްލަދޭޝްގެ ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނަށް އަރިސްކުރައްވާފައިވާ ކަމަށެވެ.

ޝާހިދުގެ ވާހަކަގައި ބަންގްލަދޭޝްއަށް މިނިވަންކަން ގެނެސް، ޑިމޮކްރެސީއާއި އިންސާނީ ހައްގުތައް ގާއިމުކުރުމުގައި ބަންގަބަންދު ޝެއިހް މުޖީބުއްރަހުމާނުގެ މިންނެތް މަސައްކަތް ފާހަގަކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމާއި އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާ، ބަންގްލަދޭޝްގެ ރައީސް މުހައްމަދު އަބްދުލް ހާމިދުގެ ދައުވަތަށް ރައީސް ސޯލިހު ބަންގްލަދޭޝްއަށް މިމަހު ކުރެއްވި ރަސްމީ ދަތުރުފުޅު، ޝާހިދު ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ހިއުމަން ރިސޯސް ޕްލޭސްމެންޓް، މަސްވެރިކަން، ސިއްހީ ދާއިރާއާއި ސަގާފީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކޮށްފައިވާކަން ޝާހިދު ފާހަގަކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އައިސް އެކި ދާއިރާތަކުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ކޮށްދޭ މަސައްކަތް ފާހަގަކޮށް ޝާހިދު ޝުކުރު ދަންނަވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އަދި ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޒަމުލް ހަސަން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތަށް ޝާހިދު ޝުކުރު ދަންނަވާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ވާޗުއަލްކޮށް ބޭއްވި އެރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް، ފޮރިން ސެކްރެޓަރީ އަބްދުޣަފޫރު މުހައްމަދު، އެމްބެސެޑާ-އެޓް-ލާޖް އަހުމަދު ސަލީމުގެ އިތުރުން ދިވެހި ސާރުކާރުގެ އެކި މުއައްސަސާތަކުގެ އޮފިޝަލުން، އަދި ދިވެހިރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓުން، އދ. އާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ އޮފިޝަލުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށެވެ.