މުދާ ބަރުކޮށްގެން ދަތުރަކުރަމުން ދިޔަ ބޮޑު ބޯޓެއް މިސްރުގެ ސުއެޒް ކެނަލްގައި ތާށިވެފައިވާތާ ހަފުތާއެއް ވުމާ ގާތްވެ، ތެލުގެ ސަޕްލައަށް ބުރޫ އަރާފާނެ ކަމުގެ ބިރަށްޓަކައި، ސޫރިޔާގައި ތެޔޮ ވިއްކަމުންދާ މިންވަރު ކޮންޓްރޯލް ކުރަން ފަށައިފިއެވެ.

ސޫރިޔާގެ ތެލާ ބެހޭ ވުޒާރާއިން ބުނީ، ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ފެށީ، ސުއެޒް ކެނަލްގައި ބޯޓު ތާށިވެފައި އޮތުމުގެ ސަބަބުން، އާ ޝިޕްމަންޓް ލިބުން ލަސްވެދާނެ ކަމަށް ބެލުމަށް ފަހުގައި ކަމަށެވެ.

ސޫރިޔާ ސަރުކާރަށް އެއްބާރުލުން ދެމުންދާ އީރާނުން ތެލާއި ތެލުގެ އުފެއްދުންތައް ބަރުކޮށްގެން ސޫރިޔާއަށް ދަތުރު ކުރަމުންދާ ބޯޓެއްވެސް، ސުއެޒް ކެނަލް ސަރަހައްދުގައި މަޑުޖެހިފައިވާ ބޯޓުފަހަރުތަކުގެ ތެރޭގައި އެބައޮތް ކަމަށް ތެލާ ބެހޭ ވުޒާރާއިން ބުނެއެވެ.

ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފައި ވަނީ ބޭކަރީތަކާ ހޮސްޕިޓަލް ފަދަ ޒަރޫރީ ހިދުމަތްދޭ ތަންތަނުގެ މަސައްކަތަށް ބުރޫ ނާރާ ކުރިއަށް ގެންދެވޭނެ ކަން ކަށަވަރު ކުރުމަށްވެސް ސޫރިޔާގެ ތެލާ ބެހޭ ވުޒާރާއިން ބުނެއެވެ.

ސުއެޒް ކެނަލްއިން ދެކޮޅަށް ދުއްވެން އޮތް މަގު، މިދިޔަ އަންގާރަ ދުވަހު ބަންދުވީ، ދުނިޔޭގެ ފެންވަރުގައި މުދާ އުފުލާ އެންމެ ބޮޑު އެއް ބޯޓު، ދިމާވި ހާދިސާއެއްގައި، އެ ކެނަލްގައި ކަންކުއްޗަކަށް ތާށިވި ހިސާބުންނެވެ. މި ހާދިސާގެ ސަބަބުން ބައިނަލްއަގުވާމީ ތެލުގެ ސަޕްލައިއަށް އަސަރު ކުރާނެ ކަމަށް ވާހަކަދެކެވޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.