ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އިލެކްޝަން ކޮމިޝަނުން އާންމުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް މިއަދު ހެނދުނުގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓުލާ ދުވަހަށް 18 އަހަރު ފުރިފައިވާ ހުރިހާ ދިވެހި ރައްޔިތުން ހިމެނޭ ގޮތަށް ކުރިއަށް އޮތް އިންތިހާބުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓުގައި އެއްވެސް މައްސަލަ ހުރިތޯ ބެލުމަށް ވެސް އީސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އީސީން ބުނެފައިވަނީ ކަރަންޓީނުގައި ތިބި ފަރާތްތަކަށްވެސް ވޯޓު ލުމުގެ ކަންކަން ހަމަޖައްސާފައިވާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހެވެ.

އެ ދުވަހު ނިޔަލަށް 18 އަހަރު ފުރިގެން ވޯޓުލުމުގެ ހައްގު 5134 މީހުންނަށް ލިބިފައިވާއިރު، އެ އިންތިހާބުގައި ޖުމްލަ 273128 މީހުންނަށް ވަނީ ވޯޓު ލުމުގެ ހައްގު ލިބިފައެވެ.