ފާއިތުވީ 24 ގަޑިއިރު ތެރޭގައި އަވަށްޓެރި އިންޑިއާއިން 62714 މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، 312 މަރުގެ ކޭސް ރެކޯޑް ކޮށްފައި ވާ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވީ 24 ގަޑިއިރު ތެރޭގައި، ޝިފާ ލިބި ރަނގަޅުވެގެން 28739 މީހަކު ދޫކޮށްލާފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ އިތުރު ރާޅަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާގެ ސްޓޭޓްތަކަށް ބަލާއިރު، އެންމެ ނުރައްކާ ފައްތަރެއްގައި އޮތީ މަހާރާޝްތުރާއެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އިން ބުނާ ގޮތުގައި މާޗް 27ގެ ނިޔަލަށް އެގައުމުގައި 240950842 ސާމްޕަލް ވަނީ ޓެސްޓު ކޮށްފައެވެ. މީގެ ތެރެއިން 1181289 ސާމްޕަލް ޓެސްޓު ކޮށްފައި ވަނީ އިއްޔެއެވެ.

ކޮރޯނާވައިރަހުގެ އެކި ވޭރިއަންޓްތައްވެސް އިންޑިއާއިން ދަނީ ފެންނަމުންނެވެ. އަދި ދެ ގޮތަކަށް ބަދަލުވެފައިވާ މުޅިން އާ ވޭރިއަންޓެއްވެސް އިންޑިއާއިން ފެނުނު ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ދަނީ ކޮވިޑް ވެކްސިން ކެމްޕޭންވެސް ހިންގަމުންނެވެ. ޖެނުއަރީ މަހުގެ މެދަކާ ހިސާބުގައި ފެށި ކެމްޕޭންގައި މިހާތަނަށް 60269782 ޑޯޒްގެ ވެކްސިން ދީފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.