ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7000 ފެލެޓުން ޝަރުތު ހަމަވާ 280 ފަރާތަކަށް ފެލެޓް ދީފައި ނުވާތީ އެ ފަރާތްތަކަށް މި ސަރުކާރުން ފްލެޓް ދޭން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން ގޮވާލައިފިއެވެ.
މަޖިލީސް ކޮމިޓީން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދީފައިވާ ގޮތް ދިރާސާކޮށް އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ހިޔާ މަޝްރޫއުގައި ހިމެނޭ އިމާރާތްތަކުގެ އެންމެ ތިރީ ބުރި (ގްރައުންޑް ފްލޯ) ގައި ހުރިހުރިހާ ފްލެޓްތައް ނަގައި، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޒަރޫރީ ބޭނުންތަކަށްޓަކައި ކޮމާޝަލް ސަރަހައްދެއްގެ ގޮތަށް އެ ޖާގަ ހާއްސަކުރެވިފައިވާތީ، އެ ފްލެޓްތަކުގެ ތެރެއިން 280 ފްލެޓް މަދުވެފައިވާކަމަށެވެ.
އެހެން ކަމުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެ މަޝްރޫއުގެ ދަށުން ބިނާކުރެވުނު އިމާރާތްތަކުގެ ޑިޒައިނަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމާ އެކަން ތަންފީޒުކުރުމުގެ ސަބަބުން ފްލެޓް ލިބުމުން މަހުރޫމްވެފައިވާ 280 ފަރާތަކީ އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުމަށް ޝަރުތު ހަމަވެ އެކަމުން މަހުރޫމްވެފައިވާ ފަރާތްތަކެއްނަމަ، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހިންގާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުން އެފަރާތްތަކަށް ސަރުކާރުން ފުރުސަތު ފަހިކޮށްދިނުމަށް އެ ކޮމެޓީން ވަނީ ގޮވާލާފައެވެ.
މަޖިލީހުގެ ކޮމެޓީން، ޝަރުތު ހަމަވާނަމަ ފްލެޓް ދޭން ގޮވާލާފައި ވާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އަޅާ 2000 ހައުސިންގް ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހެވެ.
އެ މަޝްރޫއުގެ ދަށުން 3 ކޮޓަރިއާއި 3 ފާހާނާގެ 1400 ޔުނިޓާއި، 2 ކޮޓަރިއާއި 2 ފާހާނާގެ 600 ޔުނިޓު ހަދާނެއެވެ. 137 މިލިއަން އެމެރިކާ ޑޮލަރުގެ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫއު 3 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްވެސް އެއްބަސްވުމުގައި ވެއެވެ.
އެއްވެސް ބަޔަކު ބާކީ ނުވާހެން، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ.
ބޯހިޔާވަހިކަމަށް ހައްލު ހޯދަން މަދުވެގެން 5،000 ފްލެޓު އިމާރާތް ކުރައްވާނެ ކަމަށައި އެ ހައުސިން ޔުނިޓްތަކަކީ ކުރިން ތަރައްގީ ކޮށްފައިވާ ގިންތީގެ ހައުސިން ޔުނިޓްތަކާ އަޅާބަލާއިރު ސައިޒުގެ ގޮތުން ތަނަވަސް އަދި ނިސްބަތުން އަގު ހެޔޮ ޔުނިޓްތަކަކަށް ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.