މިސްރުގެ ސުއެޒް ކެނަލްގައި ތާށިވެފައިވާ މުދާ އުފުލާ ބޮޑު ބޯޓު ފުން ކުރުމަށް ކުރަމުންދާ މަސައްކަތަށް އަދިވެސް ކާމިޔާބު ނުލިބޭ ކަމަށް ހަބަރު ލިބިއްޖެއެވެ.

ކެނަލްގައި، ކަންކުއްޗަކަށް ތާށިވެފައިވާ މާ ސިންގާ މުދާ އުފުލާ ބޯޓު، "އެވާގްރީން" ފުން ކުރުމަށް، ހޮނިހިރު ދުވަހުގެ ބޮޑު ދިޔާގައި ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބު ވެފައެވެ.

ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުއޮޅީގައި މި ބޯޓު ތާށިވީ މިދިޔަ އަންގާރަ ދުވަހުއެވެ. މިއާއެކު، ސުއެޒް ކެނަލް ސަރަހައްދުގައި 300 އަށް ވުރެ ގިނަ ބޯޓަށް މަޑުކުރަން ޖެހިފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރެއެވެ. މި ސަރަހައްދުގައި މަޑު ކުރަން ޖެހުނު ބައެއް ބޯޓު ފަހަރު އެފްރިކާ މަގުން ރާސްތާ ބަދަލު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހޮނިހިރު ދުވަހު އެކަނިވެސް، ބޯޓު އޮތް ސަރަހައްދުން 20000 ޓަނުގެ ވެލި ނަގާ، އެ ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ކޮށްފައި ވެއެވެ. "އެވާގްރީން" އޮތް ތަނުން ގުޑުވުމުގެ މަސައްކަތުގައި 14 ޓަގުބޯޓަކުން ވަނީ ހަރަކާތްތެރިވެފައެވެ. އެންމެ 2 އިންޗިއަށް ބޯޓު ގުޑުވާލެވުނު ކަމުގެ އުފާ ފާޅު ކުރުމުގެ ގޮތުން، ޓަގުބޯޓުތަކުން ބަރުގަނޑު އެޅި މަންޒަރު ފެންނަ ވީޑިއޯއެއް، ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓް ކޮށްފައެވެ.

ސުއެޒް ކެނަލް އޮތޯރިޓީގެ ޗެއާމަން ޖެނެރަލް އުސާމާ ރާބީ ވިދާޅުވީ، ބޯޓުގެ ދަށުން ފެން ދަތުރު ކުރަން ފަށާފައި ވާ ކަމަށާ، މާ ލަސްތަކެއް ނުވެ،ބޯޓު ފުންކޮށް، ބޯޓު އޮތް ތަން ބަދަލު ކުރެވިދާނެ ކަމަށެވެ.

400 މީޓަރު ދިގު، 200000 ޓަނުގެ މި ބޯޓު ތާށިވީ، ގަދަވާ ވެލީގެ ތޫފާނެއްގެ ތެރެއިންނެވެ.