ޅ. ހިންނަވަރުން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެ އެ ރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހަކުގެ ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެ ވެފައިވާ ކަމަށެވެ.

އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެ ރަށް މޮނިޓަރިން އަށް ލާފައިވާ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

އެއާއެކު މިހާރު ރާއްޖޭގައި މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގެ އަދަދު މި ވަނީ 15 އަށް އަރާފައެވެ. އެއީ ޅ. ހިންނަވަރުގެ އިތުރުން ހދ. ކުޅުދުއްފުށި ނ. ޅޮހި، ރ. އުނގޫފާރު، ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ކ. ހުރާ، ކ. ދިއްފުށި، އދ. ފެންފުށި، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ އަދި ގއ. ވިލިނގިއްޔެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ވަނީ އިތުރު 146 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ޕޮޒިޓިވްވި މީހުންނާއެކު މިހާރު ރާއްޖޭއިން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 23،237 އެވެ.