ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ފުލުހުންގެ ފެންވަރު މަތިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ފުލުހުން އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުން މިއަދު ހުވާ ކުރުމާއި ގުޅިގެން ރައީސް ވަނީ އާ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމުން އެންމެހާ ފުލުހުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އާ ގާނޫނުގެ ދަށުން ހުރިހާ ފުލުހުން ކުރި ހުވަޔާއެކު ހިދުމަތުގެ ފެންވަރުމަތިވެ، މިހާރަށްވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވެފައި ވާއިރު، ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ރައްޔިތުން އުންމީދުކުރާފަދަ މުއައްސަސާއަކަަށް އެ މުއައްސަސާ ވެގެންދާނެ ކަމަށް ކޮމިޝަަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ހިދުމަަތުގެ ބިލް ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ. އެ ބިލް ރައީސް އިބްރާހިމް މިހައްދަު ސޯލިހް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު 27 ގައެވެ.