ކުރިއަށް އޮތް ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީސް ނަމާދު ކުރުމަށް ރާއްޖެެއިން ބޭރުން ހާފިޒުންނާއި ގާރީން ގެންނަށް ހާއްސަ ވިސާ އެއް ދޫކުރަން ނިންމައިފިއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖެއިން ބޭރުން ހާފިޒުންނާއި ގާރީން ގެންނަން ބޭނުން ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔުންތައް އިމުގަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ރަސްމީ ހަތް ދުވަހުގެ ތެރޭގައި އެ ހުއްދަ ދޫކުރާނެ ކަން އަންގާނެ ކަމަށެވެ. އެގޮތުން އަދި ހާފިޒުން ގެނައުމަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވިސާ ކަމަށާއި 30 ދުވަހަށް ވުރެ އިތުރަށް ރާއްޖޭގައި މަޑުކުރާ ނަމަ ވިސާ ހަމަވުމުގެ ކުރިން އެ ވިސާގެ މުއްދަތު އިތުރު ކުރަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ހާފިޒުން ގެނައުމަސް ހުށަހަޅަން ޖެހޭ ތަކެތި:
- ކައުންސިލް އިދާރާއިން ފުރިހަމަކޮށްފައިވާ "ސްޕެޝަލް ވިސާ އަށް އެދޭ ފޯމް" (IM22)
- "ވިސާ އަށް އެދޭ ފަރާތުގެ މައުލޫމާތު ފޯމް" (IM30)
- ބިދޭސީ ފަރާތުގެ "ޕާސްޕޯޓު ޑާޓާ ޕޭޖް" ގެ ކުލަ ކޮޕީ
- ބިދޭސީ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓް ފޮޓޯ މިންގަނޑާއި އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް)
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދޫކޮށްފައިވާ ހުއްދަ.
ހާފިޒުންނާއި ގާރިންނާ އެމީހުންގެ އެކުގައި އާއިލާގެ މެންބަރުން (އަނބިން/ދަރިން) ދަތުރު ކުރާ ނަމަ، އެ ހާފިޒަކު ނުވަތަ ގާރީއަކު ގެންނަ އިދާރާއަކުން އެ ފަރާތްތައް ސްޕޮންސާ ކުރަން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. ހަމައެއާއެކު އެ މީހުން ރާއްޖޭގައި ތިބޭ މުއްދަތުގައި ވިސާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރުމަކީ އެމީހުން ގެންނަ ފަރާތެއްގެ ޒިންމާއެއް ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި އެމީހުންގެ ވިސާ ހަމަވުމުގެ ކުރިން ރައްޖެއިން އެމީހުން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ވެސް އެމީހުން ގެންނަ ފަރާތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އިމިގްރޭޝަނުން ބުނެއެވެ.
މިދިޔަ އަހަރު ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށް މިސްކިތްތައް ވެސް ބަންދު ކުރިއެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުންވެސް އެއްކޮށް ހުއްޓާލިއެވެ. ނަމަވެސް މިއަހަރު ކޮވިޑްގެ މި ހާލަތުގައި މިސްކިތްތައް ބަންދު ނުކުރާނެ ކަމަށާއި މިހާރު ވެސް މިސްކިތްތަކުގައި އަމަލު ކުރަމުންދާ އުސޫލާ އެއްގޮތަށް ތަރާވީހު ނަމާދު ކުރާ ގޮތަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.