ރައްޔިތުން ކަނު ބަނދެ ކޮވިޑް ތެރޭގައި ސަރުކާރުން ކުރަމުން ދިޔައީ ވައްކަމޭ އިދިކޮޅުން ކިޔާތާ ކިތަންމެ ދުވަހެކެވެ. އިދިކޮޅުގެ އެވާހަކަތަކަށް އާންމުން މާ ބޮޑު ސަމާލުކަމެއް ނުދެނީ، ހުސެން ޝަހީމް (އަނދުން ހުސެން) ވިދާޅުވާހެން އިދިކޮޅުން ވެރިކަމުގައި އޮތް އިރުވެސް "ކޮޅުގޮހޮރަށް" ކައިފައި އޮތީމައެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގާފައި އޮތް އެންމެ ބޮޑު ވައްކަމަކީ ނުވަތަ ކޮރަޕްޝަނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތެވެ. ދައުލަތަށް ލިބެން ޖެހޭ 4 ބިލިއަން ރުފިޔާ "ކާލި" ބޮޑު ވައްކަމެވެ. އެ 4 ބިލިއަން ރުފިޔާ އަކީ ޤާނޫނީ އިމުން ބޭރުން ކުއްޔަށް ދިން 37 ރަށަޖާއި 12 ފަޅެއްގެ ހަމަ އަގު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އޮތީ ބުނެފައެވެ.

އެ ބޮޑު ވައްކަން ހިންގިތާ އަހަރުތަކެއް ވެ، ވައްކަމުން މަންފާ ލިބުނު މީހުން އިންޓަރެސްޓް ކޮޅުން ދިރުޅޭތާވެސް އެތައް އަހަރެއް ފާއިތު ވި އިރު އަދިއަދަށް ދާންދެންވެސް ޝަރުއީ ކޯޓެއްގެ އޮޅިގަނޑުން ހިޔާނާތުގެ ބައިވެރިއަކު ނުވައްދައެވެ. އެއީ، އެ ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި ކޯޓުތަކުގެ އޭރުގެ ބައެއް ފަނޑިޔާރުންވެސް ހިމެނިފައި ވުމާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިފައިންނާއި ފުލުހުންގެ ތެރެއިން ބައެއް މީހުންނާއި، އަދި ބައެއް ވަޒީރުން ހިމެނިފައި ވުމުންތޯ ސުވާލު ކުރަން ޖެހެއެވެ.

އެމްއެމްޕީއާރުސީ ވައްކަމުގެ ވާހަކަ އެކަނި ދައްކާފައި ނިމިދިޔަ ސަރުކާރުގެ ބައި ބާއްވާނަމެވެ.

ޒީރޯ ޓޮލަރެންސްގެ ބޯޑު އަޅުވައިގެން އައި މި ސަރުކާރުގެ ވާހަކަ ދައްކަމާ ހިނގާށެވެ. "ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް"ގެ ދަށުން ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ދެއްވާ ސަމާލުކަން ދާދިފަހުންވެސް ފެނިއްޖެއެވެ. ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީން ތަހުގީގު ކުރަމުން ދާ ދިއުމާއެކު ރައީސް ވިދާޅުވީ، ފެނަކައިގެ ކޮރަޕްޝަނުގެ ކަންކަން ހައްލުކުރަން އެކުންފުންޏަށް ވަގުތުކޮޅެއް ދެއްވާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ދައުލަތުގެ ބަޖެޓުން ހަރަދު ކުރި އަދަދުތައް 4 ބިލިއަން ފަހަނައަޅާ ގޮސްފައި ވާއިރު، މިހާރު އަރަތަކަށް ވެފައި ވަނީވެސް ކޮވިޑްގެ ތެރޭގައި ކޮށްފައި އޮތް މިލިއަން މިލިއަން ރުފިޔާގެ ހަރަދެކެވެ. ދެން ހުރި ކަންކަމުގެ ވާހަކަ ފަހަށް ބާއްވާނަމެވެ.

މިތާގައި ދައްކާނީ ކޮވިޑްގައި ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލާން ޖެހޭ މީހުންނަށް ގެންނަން ބުނި ވެންޓިލޭޓަރުތަކަށް ކުރި ހަރަދުގެ ވާހަކައެވެ. މަދު އަދަދެއް ނޫނެވެ. 75 ވެންޓިލޭޓަރޭ ކިޔާ، 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސަށް ދިން 30.9 މިލިއަން ރުފިޔާ އެވެ. ބައެެއް މީހުން ކިޔަނީ އެ ފައިސާ ދިނީ ކަރުދާސް ކުންފުންޏަކަށް ކަމަށެވެ. ފިނޭންސުން ބުނަނީ އެހަރަދުތައް ކޮށްފައި އޮތީ އުސޫލުގެ ތެރެއިން ކަމަށެވެ.

ސުވާލަކީ އުސޫލުގެ ތެރެއިން ކޮށްފައި އޮތް ކަމެއް ކަމުގައި ވާ ނަމަ، ވެންޓިލޭޓަރުތައް ނުލިބެނީ ކީއްވެތޯއެވެ. ވެންޓިލޭޓަރުތައް ނުލިބެންޏާ އެ ފައިސާ އަނބުރާ ނުލިބެނީ ކީއްވެތޯއެވެ ސަރުކާރުގެ އޮފިޝަންގެ ރާގު ހުރި ގޮތުން ގަބޫލު ކުރެވެނީ، އެ ވެންޓިލޭޓަރުތައްވެސް އަދި އެފައިސާވެސް ލިބެން ނެތް ކަމެވެ. އެހެންވިއްޔާ އެ މުއާމަލާތް ހިންގާފައި އޮތީ އެ ބުނާ އުސޫލުގެ ތެރެއިން ކަމާމެދު ސުވާލު އުފެދެއެވެ. އުސޫލަކުން ހިންގާ ކަމެއްގައި ސާބިތު ލިޔެކިޔުން ހުންނާނެއެވެ. މުއާމަލާތުގެ ދެފަރާތުން ކުރެ ފަރާތަކުން އެ މުއާމަލާތަކަށް އިހުތިރާމް ނުކޮށްފި ނަމަ ކަޑައްތު ކުރެވޭނެ މަރުހަލާތައް ހުންނާނެއެވެ. އެއިން އެއްވެސް ކަމެއް ފެންނަން ނެތި އަދި ދަރުވާ ކުރެވޭނެ ހެކިވެސް ނެތުމަކީ ދެން ބޮޑު ޖޯކެކެވެ.

އޭސީސީއާއި، ރައްތިރުންގެ މަޖިލީހާއި، ޕީޖީއިން އެ މައްސަލައިގައި ވަގުތު ބޭކާރު ކުރަނީ ދެން ކީއްކުރަންބާއޭ ވެސް ހިތައް އަރައެވެ. ފައިސާއާއި ވަގުތު ހިނގަމުން ދާ އިރު ނަތީޖާއެއް ނުނެރެ ވެއެވެ. އޭސީސީން ބުނަނީ ވަރަށް ފުރިހަމަ ތަހުގީގެއް ކުރި ކަމަށާއި ދައުވާވެސް ކުރެވޭނެ ކަަމަށެވެ. ޕީޖީން ބުނަނީ އޭސީސީން ދައުވާ ކުރަން ފޮނުވި މައްސަލައިގެ މައްޗަށް ދައުވާ ކޮށްފިއްޔާ "ގޮވާނީ އަތަށް" ކަމަށެވެ. ދައުވާއެއް ކޮށްގެން ކަމެއް ސާބިތުވާ ވަރުގެ ނުވަތަ ސާބިތު ކޮށްދޭން ޖެހޭ އުންސުރުތައް ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

މަޖިލީހުން ކުރާ ކަމަކީ، ދެއިރު ދެދަޅައަށް މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް "މައުލޫމާތު" ސާފު ކުރުމެވެ.

މައްސަލަ އޮތްތާގައި ބާއްވާފައި މޮޅު ވާހަކަ ދައްކާ "ކޮޅުގޮހޮރަށް ކެއީ" އޭ ކިޔަކިޔައި ނުތިބެ، އިންސާފު ގާއިމު ކުރާށެވެ. މިލިއަނުން މިލިއަނުން "ކާލައިގެން" ހުންނަ މީހާއަކީ ހީރޯއަކަށް ހަދާ "ވަނދު ބަނބުކެޔޮ" ނަގާ މީހާ ވާނުވާގައި ބާއްވާ އުސޫލު ނިމުމަކަށް ގެނެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދާށެވެ. އެއީ ރައްޔިތުންގެ ލާރިއެވެ.