ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އަވަށްޓެރި އިންޑިއާއިން 53476 މީހަކު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، 251 މީހަކު އެ ބަލީގައި މަރުވެފައި ވާ ކަމަށް ރިޕޯޓް ކޮށްފިއެވެ.

ކޮވިޑް-19ގެ އިތުރު ރާޅަކާ އިންޑިއާއަށް ކުރިމަތިލާން ޖެހިފައި ވާއިރު، މިއީ މިއަހަރު ތެރޭގައި އިންޑިއާއިން އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރި ދުވަހެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް އިން ބުނާ ގޮތުގައި މާޗް 24 ވަނަ ދުވަހުގެ ނިޔަލަށް 237503882 ސާމްޕަލެއް ކޮވިޑަށް ވަނީ ޓެސްޓު ކޮށްފައެވެ. ބުދަ ދުވަހު ޓެސްޓު ކުރީ 1065021 ސާމްޕަލް ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

އިންޑިއާއިން މިހާތަނަށް ފެނުނު ކޮވިޑް ކޭސްތަކުގެ ޖުމުލަ އަދަދު ވަނީ 11787534 އަށް އަރާފައެވެ.

ކޮރޯނާވައިރަހުގެ ވޭރިއަންޓްތައްވެސް އިންޑިއާގައި ފެތުރެމުން ދިޔަ ނަމަވެސް، މިހާރު ކުރިމަތިވެފައިވާ ސާޖަކީ، ވޭރިއަންޓްގެ ސަބަބުން ވެގެން އުޅޭ ގޮތެއް ކަމަށް ބުނުމަށް، އިންޑިއާގެ ސަރުކާރުން ދެކޮޅު ހަދައެވެ.