އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ "ޓްރައިބިއުނަލް" ގެ ދަރަޖަ ލިބިގެންވާ ތަނެއް ނޫން ކަމަށް ކަނޑައަޅާ، އެ އޮފީހުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފް ނުކުރެވޭނެ ކަމަށް ބުނެ ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވީ، ގާނޫނު އަސާސީން ލިބިދޭ އިސްތިއުނާފު ކުރުމުގެ ހައްގު ގެއްލޭ ގޮތަށް ހައިކޯޓުން ވަނީ 2020/HC-A/149 ނަންބަރުގެ މައްސަލަ ނިންމާފައި ކަމަށެވެ. އެހެންކަމުން އާންމު މަސްލަހަތަށް ބަލައި، ގާނޫނު އަސާސީގެ 56، 133 ގެ (ރ) އަދި (ބ) އަށް ރިއާޔަތްކޮށް އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ރިއްފަތު ވިދާޅުވިއެވެ.
އައިކޮމްއާ ދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި އެ ކޯޓުން އައިކޮމްގެ މައްސަލައެއް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ނިންމާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ހައިކޯޓުން މި ނިންމުން ނިންމީ މޫސާ ނަސީމް ކިޔާ މީހަކު އައިކޮމް މެދުވެރިކޮށް ހޯދަން ހުށަހެޅި ރިޕޯޓަކާ ގުޅޭ މައުލޫމާތު ދިނުމަށް އެމްޑަބްލިއުއެސްސީއަށް އެންގުމުން، އެ ކުންފުނިން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
މޫސާ ނަސީމް ހޯދަން އެދިފައި ވަނީ އޭނާ އެމްޑަބްލިއުއެސްސީގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އެ މައްސަލައާ ގުޅޭ އޮޑިޓް ރިޕޯޓެކެވެ. އޭނާއަށް އެމްޑަބްލިއުއެސްސީން އެ ރިޕޯޓް ހަވާލު ނުކުރުމުން ވަނީ އެ މައްސަލަ އިންފޮމޭޝަނަރުގެ އޮފީހަށް ހުށަހަޅާފައެވެ. އައިކޮމްއިން މައްސަލަ ބެލުމަށް ފަހު އެމްޑަބްލިއެސްސީއަށް އެންގީ މޫސަ އެދުނު ގޮތަށް އެ ރިޕޯޓް އޭނާއަށް ދިނުމަށެވެެ.
މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ އެ ކޯޓުގެ އިސްތިއުނާފީ އިހްތިސާސް ބިނާވެފައި ވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ މައްޗަށް ކަމަށެވެ. އެއީ ދަށު ކޯޓަކުން ނުވަތަ ގާނޫނަކުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ގާނޫނު އަސާސީއާއި، ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފުވާ ކަމަށް ފާހަގަވެގެން މަސްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތަކެއް ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައި ވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ މުއައްސަސާއެއް ކަމުގައި ބަލައިގެން އެ ކޮމިޝަންގެ ނިންމުމަކީ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައި ކުރިއަށް ގެންދެވިދާނެ ކަަމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ. ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އައިކޮމްގެ ނިންމުންތަކަކީ "އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް" ކަމަށް ކަނޑައަޅާފައި ވާތީ އިންފޮމޭޝަން ކޮމިޝަނަރަކީ ޓްރައިބިއުނަލެއްތޯ ބަލާއިރު އެގޮތަށް މާނަ ކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެހެންކަމުން އެމްޑަބްލިއުއެސްސީން ހުށަހެޅި މައްސަލައަކީ ހައިކޯޓުގައި އިސްތިއުނާފް ކޮށްގެން ބަލަމުންދާ މައްސަލަތައް ގޮތަށް، ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިދީފައި ނުވާ މައްސަލައަކަށް ވާތީ އެ މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަށްވެސް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައި ވެއެވެ.