ހިޔާ މަޝްރޫއުގެ ދަށުން ސިފައިންނާއި ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ ފްލެޓްތައް އުވާލުމާ ގުޅޭ ގޮތުން ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅިގެން އާންމުންގެ އެކުވެރި ޖަމިއްޔާއާ އިން ނެރުނު ނޫސްބަޔާނެއްގައި ފުލުހުންނާއި ސިފައިންނަށް ދޭ ފްލެޓްތައް އުވާލަން އުޅޭ ކަމަށް ބުނެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ، އެމީހުންގެ ބޭނުމަކީ މީހުންގެ މެދުގައި މަސްލަހަތު ގެއްލުވާލުން ކަމަށާއި އެއީ މުޅިން ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

މި ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން ސިފައިންނާއި ފުލުހުންނަށް ފްލެޓް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީގެ ފްލެޓެއް އެހެން ބަޔަކަށް ދިނުމަށް ނިންމާފައި ނުވާ ކަމަށާއި އެހެން ކަންތައް ނުކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ވަނީ އެއީ ދޮގު މައުލޫމާތެއް ކަމަށް ވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް ދޭން ހަމަޖެހިފައިވާ ފްލެޓްތައް އުވާލާ ވާހަކަ އަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ވާހަކައެއް ކަމަށެވެ. އަދި އެކަން ސިފައިންނަށް ކަނޑައެޅިގެން އެނގޭނެ ކަމަށާއި އެމީހުންނަށް ލިބޭ 300 ފްލެޓްގެ ފޯމްތައް އެމްއެންޑީއެފުން ދިރާސާކޮށް އެ ފަރާތްތަކާ އިންޓަވިއު ކޮށްފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅިގެން އެކި ފަހަރު އެކި ކަހަލަ ވާހަކަތައް އަންނަނީ ފެންމަތިވަމުންނެވެ. ބައެއްގެ އަތުން ފްލެޓްތައް އަތުލާ ވާހަކައާއި ފްލެޓްގެ ހައްގު ވެރިން ނޫން ބަޔަކަށް މި ސަރުކާރުން ފްލެޓްތައް ދޭން މަސައްކަތް ކުރާ ކަމަށް އެކި ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން އާންމުންގެ އެކުވެރި ޖަމިއްޔާއާ އިން ނެރުނު ނޫސް ބަޔާނެއްގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކާ ގުޅިގެން ބުނެފައި ވަނީ، ފުލުހުންނަށް ކަނޑައެޅި 300 ފުލެޓު އަދި ސިފައިންނަށް ހާއްސަކުރި 300 ފުލެޓު، ޖުމްލަ 600 ފުލެޓު ސަރުކާރަށް ނަަގައި އެ ދެ ކެޓެގަރީ އުވާލަން މަޝްވަރާ ކުރެވެމުންދާ ކަމަށާއި އެކަމުގެ ކަންބޮޑުވުން އެޖަމިއްޔާގެ ‏މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުން އަދި ސިފައިން ހިއްސާކޮށްފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން މިހެން ބުނެފައިވާއިރު، އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ފަރާތުން ކުރާ ކެމްޕޭން، "ރަށްވެހި" ފަތިހުގައި އެ ޕާޓީގެ ލީޑްކުރައްވާ ބޭފުޅުން ވަނީ ހިޔާ ފުލެޓާ ގުޅިގެން ތަފާތު ވާހަކަތައް ދައްކަވާފައެވެ. އެގޮތުން ވަކި އޮފީސްތަކާއި، ވަކި ވަކި ދާއިރާތަކަށް ފުލެޓު ދީފައިވާ މައްސަލާގައި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ.