ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އިތުރު ސާޖަކާ ކުރިމަތިލާން ޖެހިފައިވާ އަވަށްޓެރި އިންޑިއާއިން ނެގި ބައެއް ސާމްޕަލްތަކުން، 2 ގޮތަކަށް ބަދަލުވެފައިވާ އާ ވޭރިއަންޓެއް ފެނިއްޖެއެވެ.

އެއް ވައިރަހެއް ދެ ގޮތަކަށް ބަދަލުވެ، އެއް ވޭރިއަންޓެއްގެ ގޮތުގައި އޮތް އިރު، މިއީ އިންތިހާ ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓެއްތޯއާ، މިއީ ވެކްސިންގެ އަސަރު ފޯރަނިވި ވޭރިއަންޓެއްތޯ ބެލުމުގެ މަސައްކަތް، އޮފިޝަލުން ގެންދަވަނީ ކުރައްވަމުންނެވެ.

މި ވޭރިއަންޓް ފެނިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ދިއްލީވެސް ހިމެނެއެވެ.

އިންޑިއާއިން އަލަށް ފެނުނު ވޭރިއަންޓާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އެ ގައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އެހެން ވޭރިއަންޓްތައްވެސް އިންޑިއާއިން ވަނީ ފެނިފައެވެ. އެގޮތުން އިންޑިއާގެ 18 ސްޓޭޓަކުން ނެގި ސާމްޕަލްތަކުން، ޔޫކޭ، ސައުތު އެފްރިކާ އަދި ބްރެޒީލް ވޭރިއަންޓް ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، އިންޑިއާގައި މިހާރު ކޭސް އިތުރު ވަމުން ދިއުމާއި ވޭރިއަންޓްތަކާ ގުޅުމެއް ނެތް ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.