ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިންގެ ފޯމިއުލާއަށް އިންޑިއާއިން އުފައްދަމުންދާ ވެކްސިންގެ ހުރިހާ ޝިޕްމަންޓެއް އެކްސްޕޯޓް ކުރުން، އެ ގައުމުން ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާގެ މަސްދަރުތަކަކާ ހަވާލާދީ ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މިއީ ވަގުތީ މަޑުޖައްސާލުމެކެވެ. އަދި އޭޕްރިލް މަހުގެ ނިޔަލަށް ސަޕްލައިއަށް އަސަރު ކުރަމުން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލުމުގެ އަސަރު، ކޮވެކްސް ފެސިލިޓީގައި ހިމެނޭ 190 ގައުމަކަށް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ. ކޮވެކްސް ފެސިލިޓީއަކީ ހުރިހާ ގައުމަކަށްވެސް ވެކްސިން ކަށަވަރު ކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިސްވެ އޮވެ، އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އިއްތިހާދެކެވެ.

އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ، ސަޕްލައި ކުރަމުން އަންނަ ސީރިއަމް އިންސްޓިޓިއުޓް (އެސްއައިއައި) އިން ވަނީ، ގައުމުތަކަށް އެކްސްޕޯޓް ކުރަން ހުރި ކޮވިޑް ވެކްސިން ޝިޕްމަންޓްތައް މަޑުޖައްސާލާފައެވެ.

މި ދަނޑިވަޅަކީ އިންޑިއާއަށް ކޮވިޑްގެ އާ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅަކަށް ވާއިރު، އެ ގައުމުން ކޮވިޑް-19 ވެކްސިނަށް ކުރާ ޑިމާންޑްވެސް ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ވެގެންދާނެ ކަމަށް ބެލެވެއެވެ.

ބުދަ ދުވަހު އިންޑިއާއިން 47000 އަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވެއެވެ.

އިންޑިއާގައި ކޮވިޑް ވެކްސިން ކެމްޕޭން ފެށީ ޖެނުއަރީ މަހުގެ މެދަކާ ހިސާބުގައެވެ. މި ކެމްޕޭންގެ ތެރެއިން، އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް، އޭޕްރިލް 1 ވަނަ ދުވަހު ފެށުމަށް އެ ގައުމުން ދަނީ ތައްޔާރު ވަމުންނެވެ.