ކ. ހިންމަފުށި އައްސޭރި ޖަލުގައި ތިބި ކުށްކުރުން މަދު ގައިދީން ފާހަގަކޮށް، ހާއްސަ އުސޫލެއްގެ ދަށުން، އެފަދަ މީހުންނަށް މައާފު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު މަޖިލީހުން އެގޮތަށް ފާސްކުރީ އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ފާހަގަކޮށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވި ޕެޓިޝަނެއްގެ މައްސަލަ ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓަށް މިއަދު ވޯޓަށް އަހައިގެންނެވެ.

އެ ރިޕޯޓްގައި އައްސޭރި ޖަލާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް އިސްލާހުކުރަން ހިމަނާފައިވެއެވެ. އެ ތިޕޯޓުގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި:

  • ޖަލުތައް ފުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު ޖަލުތައް އެޅުން
  • އައްސޭރި ޖަލުގެ ކުށް މަދު ގައިދީންނަށް މައާފުދޭން، ރައީސަށް އިލްތިމާސްކުރުމން
  • ކޮމިއުނިޓީ-ބޭސްޑް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް "ކަސްޓޯޑިއަލް ސެންޓެންސް" ގެ ދަށުން ކުދި ކުށްކުރާ މީހުން މުޖުތަމައުއަށް ބޭނުންތެރި ހިދުމަތެއް ކުރުމަށްފަހު އެ ކުރި ކުށަށް މައާފު ލިބޭނެ ނިޒާމެއް ގާއިމްކުރުން.
  • ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބައެއް ބޭސް ދޫކުރާ މައްސަލަ ބޮޑެވެފައިވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ޒިންމާދާރުކަމާއެކީ ޖަލުތައް މޮނިޓަރކުރުން

މަޖިލީހުން އރ ރިޕޯޓް މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 23 މެންބަރެއްގެ ތާއީދާ އެކުއެވެ.

ރާއްޖޭގައި މިވަގުތު ހިންގަނީ ހަތަރު ޖަލާއި އެއް ޑިޓެންޝަން ސެންޓަރެވެ. އެއީ މާލެ، ހުޅުމާލެ، ހިންމަފުށި އަދި ކ. މާފުށީގައި ހިންގާ ޖަލެވެ. ޑިޓެންޝަން ސެންޓަރު ހިންގަނީ ހުޅުމާލޭގަ އެވެ.